މިއަދުގެ ޚުޠުބާގައި ބުނެދެއްވީ ސިޙުރުގެ ނުބައިކަމާއި ސިޙުރުން ސަލާމަތްވުމަށް ކަން ކުރެވިދާނެ ގޮތް

މިއަދުގެ ހުކުރު ޚުޠުބާ ސިޙުރު ހެދުމުގެ ނުބައިކަމުގެ މައްޗަށް ޚާއްޞަކޮށްފިއެވެ. "ސިޙުރުގެ ނުބައިކަން" މި މަޢުލޫގައި މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ޚުޠުބާގައި ބުނެފައިވަނީ މިއަދު އަހަރެމެންގެ ތެރ...

31 May 2024 | 09:12

މިއަދުގެ ހުކުރު ޚުޠުބާ ސިޙުރު ހެދުމުގެ ނުބައިކަމުގެ މައްޗަށް ޚާއްޞަކޮށްފިއެވެ.

"ސިޙުރުގެ ނުބައިކަން" މި މަޢުލޫގައި މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ޚުޠުބާގައި ބުނެފައިވަނީ މިއަދު އަހަރެމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައް ވާކަމަށާއި އޭގެ ތެރެއިން އެއްކަމަކީ ސިޙުރު ކަމަށެވެ.

"ސިޙުރުގެ ސަބަބުން ޢާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ޙަޔާތް ބަރުބާދުވޭ، ރަޙްމަތްތެރިންގެ މެދުގައި ރުޅިވެރިކަމާއި، ޢަދާވާތްތެރިކަން އުފެދޭ، ދަރިވަރުންގެ ތަޢުލީމަށް ހުރަސްއެޅޭ، ޞިއްޙަތު ސަލާމަތުން ހުރި މީހާ ބަލިވެ، ހިތާމަޔާއި، ވޭން ތަޙައްމަލުކުރަން ޖެހޭ، އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ، މިނުބައި ފާސިދު ޢަމަލު މިއަދު ވަނީ މުޅި މުޖުތަމަޢަށް ޢާންމުވެފައި" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މި ސުންޕާ ޢަމަލުގެ ސަބަބުން، ބަރުބާދުވެގެން ދަނީ ކިތައް ޒުވާނުންގެ ޙަޔާތްތޯއާއި ވިއްސިވިހާލި ވެގެން ދަނީ ކިތައް ޒުވާނުންގެ އުއްމީދުތައްތޯއާއި ބަލިވެ، ދުނިޔެ ދޫކުރަމުންދަނީ ކިތައް އަޚުންނާއި އުޚުތުންތޯއާއި ޢަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި ޢުމުރަށް ވަކިވެ ދަނީ ކިތައް ޢާއިލާތޯއާއި މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަވަނީ ކިތައް މީހުންތޯ ސުވާލު އުފައްދާފައިވެއެވެ. އަދި  މި ކަންކަން މި ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިޙުރުގެ ސަބަބުންކަން ފާހަގަކޮށްފައިވެއެވެ.

ސިޙުރަކީ ޙަޤީޤަތެއްކަން ބުނެދެމުން ޚުޠުބާގައި ބުނެފައިވަނީ އޭގެ އެއްބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުމެއްކަމަށާއި ސިޙުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫން ކަމަށެވެ. އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެއް ކަމަށާއި މި ބާވަތުގެ ސިޙުރު ހެދުމަށް މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި،ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާކަމަށެވެ. އަދި މީގެތެރޭގައި، މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިޙުރު ހިމެނޭކަމަށެވެ.

"ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް، އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް، ތިޔަބައިމީހުން ސިޙުރުހާހޫރައާ ދުރުހެލިވޭ، އަދި މުޞީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިޚްލާޞްތެރިކަމާ އެކު މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ، އެކަލާނގެއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެ" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ސިޙުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައިވާކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ އެންމެ މުހިއްމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި ދެވަނަ ކަމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ޙަޟްރަތުގައި دُعَاء ދެންނެވުން ކަމަށެވެ. އަދި ތިންވަނަ ކަމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ ﷺ ގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔެވުމާއި، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން ކަމުގައި ބުނެފައިވެއެވެ.

"ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ރޭވެ އަނދިރިވާ ހިނދު، ނުވަތަ އިރުއޮއްސިގެން އަންނަ ހިނދު، ކުޑަކުދިން ބޭރަށް ނުކުތަނުދޭށެވެ! އެވަގުތު ޝައިޠާނުން ފެތުރިގަންނާނެއެވެ. ދެން ރޭވެ ގަޑިއެއްހައި އިރު ފަހުން އެކުދިން ދޫކޮށްލާށެވެ! ދެން ބިސްމި ކިޔައި، ދޮރުތައް ލައްޕާށެވެ! އެހެނީ ބިސްމި ކިޔައި، ލައްޕާފައި ހުންނަ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ! އަދި ބިސްމި ކިޔައި، ތިޔަބައިމީހުންގެ ފެންޖާޑިތައް މަތިޖަހާށެވެ! އަދި ބިސްމި ކިޔައި، ކަންވާރުތަކުގައި މަތިޖަހާށެވެ! ނުވަތަ އޭގެމަތީގައި އެއްޗެއް ހުރަސްކޮށް ބާއްވާށެވެ! އަދި ބައްތިތައް ނިއްވައިލާށެވެ!" ޚުޠުބާގައި ހާމަކޮށްފައިވެއެވެ.

މި ނުބައި އަމަލުން ދުރުހެލިވެ ރައްކާކެތެރިވުމަށް މިއަދުގެ ޚުޠުބާގައި ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް