އީ ސިނގިރޭޓުގެ އިސްތިހާރުތަކުގެ ސަބަބުން ރާއްޖޭގައިވެސް އެތަކެތި ބޭނުންކުރާ ފުރާވަރު ކުދިންގެ އަދަދު އަންނަނީ އިތުރުވަމުން: ހެލްތު މިނިސްޓްރީ

ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަނެވޭގޮތަށް އުފެއްދުންތަކާއި އިސްތިހާރުތައް ބޭނުންކޮށް ސޯޝަލް މީޑިއާއއި ސްޓްރީމިންގ ޕްލެޓްފޯމުތަކުގެ ތެރެއިން ކުރަމުންދިޔުމާއެކު އީ ސިނގިރޭޓާއި ނިކޮޓިން ޕައ...

31 May 2024 | 07:13

ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ދަމައިގަނެވޭގޮތަށް އުފެއްދުންތަކާއި އިސްތިހާރުތައް ބޭނުންކޮށް ސޯޝަލް މީޑިއާއއި ސްޓްރީމިންގ ޕްލެޓްފޯމުތަކުގެ ތެރެއިން ކުރަމުންދިޔުމާއެކު އީ ސިނގިރޭޓާއި ނިކޮޓިން ޕައުޗްފަދަ އުފެއްދުންތައް ރާއްޖޭގައިވެސް ފުރާވަރު ކުދިންނާއި ޒުވާނުންގެ މެދުގައި އާންމުވެ ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ފުރާވަރު ކުދިންގެ އަދަދު އިތުރުވަމުން އަންނަކަން ހެލްތު މިނިސްޓްރީއިން ފާހަގަކޮށްފިއެވެ.

އެ މިނިސްޓްރީން މިކަން ފާހަގަކޮށްފައިވަނީ މިއަދު ފާހަގަކުރަމުންމިދާ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާއި ގުޅުވައި ނެރެފައިވާ ރިޕޯޓެއްގައެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމަކީ އެކަމުގެ ސަބަބުން ފަތާތު އެކި ގިނަ ބަލިތަކަށް ހުށައެޅިގެންދާކަމެކެވެ.

"ރާއްޖޭގެ އާބާދީއަށް ބަލާއިރު ދިގުމުއްދަތަށް ބަލި ތަޙައްމަލުކުރަންޖެހޭ ފަރުވާކުރުމުގައި ބޮޑެތި ހޭދަކުރަންޖެހޭ އަދި ދިރިއުޅުމިގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ގައިންގަޔަށް ނާރާ ބަލިތައް ދަނީ އިތުރުވަމުން، ޒުވާނުންނާއި މެދުއުމުރުގެ މީހުންގެތެރޭގައި މިފަދަ ހާލަތްތައް ދިމާވެ ވަޒީފާ އަދާނުކުރެވޭފަދަ ހާލަތްތަކުގައިވާ މީހުން ގިނަވަމުންދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް" އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަށް، އަހަރެއްގެ މައްޗަށް 400 މިލިޔަން ސިނގިރޭޓު އެތެރެކުރާކަން ފާހަގަކޮށް އަދި އެއީ 1.8 ބިލިއަން ރުފިޔާކަން ފާހަގަކޮށް މީގެ އިތުރުން ޝީޝާގައި ބޭޏުންކުރާފަދަ ދުންފަތާއި އީ ސިނގިރޭޓު އެތެރެކުރުމަށް އެތައް ލައްކަ ރުފިޔާއެއް އަހަރެއްގެ މައްޗަށް ހޭދަކުރާކަންވެސް ފާހަގަކޮށްފައިވެއެވެ.

ހެލްތުގެ އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދައިން ބޮޑު ހޭދައެއްކުރާއިރު، މިބަލިތައް ތަހައްމަލު ކުރާ ޒުވާނުންގެ އާބާދީ ބޮޑުވުމުގެ ނަތީޖާއަކީ އެކަމުގެ ނޭދެވޭ އަސަރު ޤައުމުގެ އުފެއްދުންތެރިކަމާއި ތަރައްޤީއާއި އިޤުތިޞާދަށް ކުރާނެކަމެކެވެ.

މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލުނުކުރާ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވަނީ "Protecting children from tobacco industry interference" އެވެ. "ކުޑަކުދިން ދުންފަތުގެ ޞިނާޢަތުގެ ނުފޫޒުން ސަލާމަތްކޮށް ދަފަރާކުރުން" މިއެވެ.

2022 ވަނަ އަހަރުގެ ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، އުމުރުން 15-16 އަހަރުގެ މަދުވެގެން 37 މިލިއަން ކުދިން ކޮންމެވެސް ވައްތަރެއްގެ ދުންފަތުގެ ބާވަތެއް ބޭނުންކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް