އިތުބާރު ނެތްކަމުގެ މައްސަލައިގަ ރައްޔިތުންގެ މަޖިލީހަށް ބަންޑާރަ ނައިބު ޖަވާބުދާރީވި ގޮތާއި މެދު ސުވާލު އުފެދި އެކަމުގައި ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލައި ރާއްޖެއަށް ގެއްލުންވާގޮތަށް އަމަލު ކުރެއްވި ގޮތާއި މެދު ހިތްހަމަ ނުޖެހި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅުން ހަދައިގެން އުޅޭ ކޯލިޝަނުންނެވެ. މައްސަލަ ވެއްދީ13 މެމްބަރުންގެ ސޮޔާއި އެކު އެވެ.
މި މައްސަލައިގަ މިއަދު އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ކުރިޔަށް ގެންދަން އެޖެންޑާ ކޮށްފައިވަނިކޮށް ސުވާލު އުފެދި މަސައްކަތް ހުއްޓާލަން ޖެހުނީ މަޖިލީހަށް ރިފްއަތު ހާޒިރުވެވަޑައި ނުގަތް ލިޔުމުން ޖަވާބުދާރީވުމުންނެވެ.
މި މައްސަލައިގަ ޕާލަމެންޓްރީ ގްރޫޕުތަކުގެ ލީޑަރުންނާއި ބައްދަލުކޮށް، މަޝްވަރާ ކުރުމުންވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. އެހެންވެ މަޖިލީސް މެދުކަނޑާލުމަށް ފަހު އަލުން ފަށައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާ ގާނޫނު އަސާސީއާ ހިލާފަށް ވަޒީރަކު ވަކިކުރުމުގެ އިޖުރާތްތައް ކުރެއްވެން އޮތް ކަމެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް