ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ދެމި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގި މައްސަލައިގަ ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރަން ދައުލަތުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރަކަށް ފުލުހުން އެ ބެނާ ނެގީ މިދިޔަ މަހު ފަހުކޮޅު އެވެ. އެ ކޯޓުން އަމުރު ނެރެދިނީ ބެނާ ހަރުކުރުމުން އާންމު މަސްލަހަތައް ގެއްލުން ވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާތީ އެވެ.
މި މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނނީ ފުލުހުން އަމަލު ކުރީ ގާނޫނާއި ހިލާފަށް ކަމަށާއި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކަމަށް ކަނޑައަޅާފަ އެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރެދިން ސަބަބެއް ކޯޓު އަމުރުގައި އެނގެން ނެތުމާއ، ދޫވެއްސަށް ނުވަދެ ބެނާ ނެގެން އޮއްވާ އެގެއަށް ވަންނަން އަމުރެއް ހޯދުން ހިމެނެ އެވެ.
މި މައްސަލައިގަ ޕީޖީ އޮފީހުން މީޑިއާގައި ބުނީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރާނެ ކަމަށެވެ. އެގޮތަށް ނިންމީ ހައި ކޯޓުގެ ހުކުމް އޮތްގޮތުން، ބެނާ އަތުލަން އާ އަމުރަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް