މަލިކު ހިމެނޭހެން ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރ ކަމަށް އިންޑިއާއިން އައްޔަން ކޮށްފައިވާ ޕްރަފުލް ކޯޑާ ޕަޓޭލް އެ މަޤާމުން ވަކި ކުރަން މަސައްކަތް ކުރުމަށް ކެރެލާ ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހުން ޤަރާރެއް ފާސްކޮށްފިއެވެ.
ހޯމަ ދުވަހު ކެރެލާގެ މަޖިލީހުގައި ނެގި ސިއްރު ވޯޓެއްގައި، ޕަޓޭލް މަޤާމުން ވަކިކުރަން އެދޭ ޤަރާރު ފާސް ކުރީ، ލަކްޝަދީބުގެ ރައްޔިތުން ޕަޓޭލް އަޅާފައިވާ ފިޔަވަޅުތަކާއި މެދު ހިތްހަމަނުޖެހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މި ޤަރާރާއިއެކު، ކެރެލާ ވެގެން ގޮސްފައި ވަނީ ލަކްޝަދީބުގެ ރައްޔިތުންނާއި އެއްކޮޅަށް ޤަރާރެއް ފާސްކުރި އިންޑިއާގެ ފުރަތަމަ ސްޓޭޓަށެެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަށް ގެެއްލުން ލިބޭފަދަ ހަރުކަށި ފިޔަވަޅުތަކާއި، މުސްލިމުންގެ ޤަބޫލު ކުރުން ތަކާއި ތަޢާރުޒުވާ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާތީ ލަކްޝަދީބުގެ ގިނަ ބަޔަކު އަންނަނީ ޕަޓޭލްއާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
އެހެންކަމުން، ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕިނަޔާރީ ވިޖާޔަން ވަނީ މި ޤާރާރު 15 ވަނަ ސްޓޭޓް އެސެމްބްލީއަށް ހުށަހަޅާފައެވެ. އަދި ޒަމާނުއްސުރެ ކެރެލާއާއި ލަކްޝަދީބާއި ދެމެދުގައި އޮންނަ ގުޅުން ފާހަގަ ކުރައްވާ، އިންޑީީިއާގެ މައި ސަރުކާރު ލަކްޝަދީބުގެ ޑިމޮކްރަސީ ފުނފުނޑުވާ ފަދަ ގޮތަކަށް މަސައްކަތް ކުރާ ކަމަށްވެސް ޕިނަޔާރީ ވިޖާޔަން ވަނީ ތުހުމަތު ކުއްވާފައެވެ.
މީގެ އިތުރުން ވިޖާޔަން ވަނީ ލަކްޝަދީބުގެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވާ، އެއްވެސް ބައެއްގެ ސަޤާފަތާއި އާދަކާދަތަކަށް ބުރޫ އަރާފާނެ ގޮތަކަށް ސަރުކާރަކުން ކަން ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާގެ ޤާނޫނު އަސާސީއަށް އިޙްތިރާމް ކުރާ ހުރިހާ ފަރާތްތަކަކުންވެސް ޕަޓޭލްގެ އެޑްމިނިސްޓްރޭޝަނުން ލަކްޝަދީބުގައި އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް އަޑުއުފުލުމަށް ވިޖާޔަން ވަނީ ގޮވާ ލައްވާފައެވެ.
މިއާއިއެކު، ލަކްޝަދީބާއި ގުޅޭ ގޮތުން ޔޫނިއަން މިނިސްޓަރު އަމިތު ޝާހު ވިދާޅުވީ، ލަކްޝަދީބުގެ މީހުންގެ ޚިޔާލު ހޯދުމަށްފަހު މެނުވީ އެ ރަށްތަކުގެ ޤާނޫންތަކަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. އަމިތު ޝާހު މިހެން ވިދާޅުވެފައި ވަނީ، މަޖިލިސް މެންބަރު ފައިޒަލް އާއިއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އަމިތު ޝާހުގެ ބަޔާނާއި މެދު ހިތްހަމަ ޖެހިފައިވާ ކަމަށް ވިދާޅުވެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، ފައިޒަލް ވިދާޅުވީ ، މިހާރު ޕަޓޭލް މަޤާމުން ދުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޕަޓޭލްގެ އެޑްމިނިސްޓްރޭޝަނުން އެންމެ ފުރަތަމަ އަޅާފައިވާ ފިޔަވަޅަކީ، ލަކްޝަދީބުގެ ރުއްތަކުގައި ސެފްރޮންގައި ހުންނަ ކުލަ އުނގުޅުމެވެެ. އަދި ގެރި މަސް ކެއުން މަނާ ކޮށް، ރާ ހުއްދަ ކުރަން މަސައްކަތް ކޮށްފައި ވެއެވެ.
މިއީ ހިންދޫ ދީނުގައި ކަންކުރަމުން އަންނަ ގޮތެއް ނަމަވެސް، ލަކްޝަދީބުގެ އާބާދީގެ 93 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. މީގެ އިތުރުންވެސް، ކުށުގެ އަދަދު އެހާމެ މަދު ލަކްޝަދީބަށް އިންޑިއާގެ ކަރްނާޓަކާގައި ކުށް މަދު ކުރުމަށް ހަދާފައިވާ" ގޫންޑާ އެކްޓު" ގެ ޤާނޫނު ގެނެއުމުގެ ގިނަ މަސައްކަތްތަކެއް ޕަޓޭލް ވަނީ ކުރަން ފަށާފައެވެ.
އެގޮތުން، އައްސޭރިއާއި ގޮނޑުދޮއްތަކުގައި މަސްވެރިން ޝެޑު ބެހެއްޓުންވެސް މަނާ ކުރެވިގެން ދިއައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، ލަކްޝަދީބުގެ މަސްވެރިންނަށްވެސް ވަނީ ފޫބައްދަން ދަތި ގެއްލުންތަކާއި ކުރިމަތި ލާން ޖެހިފައެވެ.
މަލިކު ހިމެނޭހެން އިންޑިއާގެ ލަކްޝަދީބުގައި ރާ ހުއްދަ ކޮށް، ގެރި މަސް މަނާ ކުރުމާއިއެކު، އެ ސަރަޙައްދުގައި ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުން ގެންދާތާ ދުވަސްތަކެއް ވެފައި ވާއިރު، މިއީ މުސްލިމުންގެ އާބާދީގެ މެޖޯރިޓީ އޮންނަ ރަށްތަކެއްކަން ފާހަގަ ކޮށްލެވެއެވެ. އެހެން ކަމުން ގިނަ ބަޔަކު އަންނަނީ މި ފިޔަވަޅުތަކަކީ ސީދާ ރައްޔިތުންނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެެއް ކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.
މި ފިޔަވަޅުތަކާއި ދެކޮޅަށް، ލަކްޝަދީޕާއި ކެރެލާގެ އިދިކޮޅު ފަރާތްތައް ގުޅިގެން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި، ލަކްޝަދީޕުގެ ޕާލިމެންޓު މެންބަރު މުޙައްމަދު ފައިޒަލްއާއި، ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ކެރެލާގެ ޓީއެން ޕްރަތަޕާންގެ އިތުރުން ސީޕީއައިއެމް ޕާޓީގެ އެލަމަރަމް ކަރީމްއާއި މުސްލިމް ލީގުގެ މުޙައްމަދު ބަޝީރު ހިމެނެއެވެ. މި ފަރާތްތަކުން ގުޅިގެން އަންނަނީ ޕަޓޭލް މަޤާމުން ދުރުކުރުމަށް މައި ސަރުކާރަށް ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް