މިސްކިތްތަކުގެ ފާޚާނާއިން ފެން ކަނޑާލި ނަމަވެސް ވުޟޫކުރާ ފެން ކަނޑާލާފައެއް ނުވޭ: މަބްރޫކް

މިސްކިތްތަކުގެ ފާޚާނާއިން ފެން ކަނޑާލި ނަމަވެސް ވުޟޫކުރާ ފެން ކަނޑާލާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މަބްރޫކް ވިދާޅުވީ، ހެލްތް މިނިސްޓްރީއާއި އި...

31 May 2021 | 17:27

މިސްކިތްތަކުގެ ފާޚާނާއިން ފެން ކަނޑާލި ނަމަވެސް ވުޟޫކުރާ ފެން ކަނޑާލާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ، ހެލްތް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއޭ ދެމެދު ކުރެވުނު މަޝްވަރާތަކާ ގުޅިގެން އެކިއެކި އިލްމުވެރިންނާ އިސްލާމިކް މިނިސްޓްރީން މަޝްވަރާ ކުރުމުގައި ގެންގުޅުއްވާ އުސޫލުތަކެއް ހުންނަ ކަމަށެވެ.

އަދި މި ނިންމުންތަކަކީ އެފަދަ މަޝްވަރާތަކަށްފަހު ނިންނި މިންމުމެއް ކަމަށާއި މިއީ އަލަށް ކުރި ކަމެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއީ ކުރިންވެސް ކުރިވިފައި އޮތް ކަމެއްކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، މިސްކިތްތައް ބަންދުކޮށްފައި ވަނީ މީހުން ތަންތަނަށް އެއްވެއުޅުން މަނާކުރުމަށްޓަކައި ކަމަށެވެ.

އަދި އަމިއްލަ އޮފީސްތަކަށް މީހުނަށް ދެވޭގޮތަށް ހުޅުވާލާފައި އޮންނައިރު، މިސްކިތްތައް ބަންދުކުރީ ކީއްތެވޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، އަމިއްލަ އޮފީސްތަކަށް ދާނީ އެއްބައެއް ކަމަށާއި އެދާބައެއް ފާހަގަކުރަން އެނގޭނެ ކަމަށެވެ.

ނަމަވެސް މިސްކިތްތަކަށް ދާނީ އެކި ހިސާބުތަކުން ނުދަންނަ މީހުން ކަމަށް ވުމާއެކު، މީހަކު ފައްސިވެއްޖެނަމަ، މިސްކިތުން ދިމާވެފައިވާ މީހުން ފާހަގަކުރަން ނޭނގޭނެ ކަމަށެވެ.

މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތްތައް ހުޅުވަން ބޭނުންވާކަމަށް މަބްރޫކް ވިދާޅުވިއެވެ.އަދި މީގެ ކުރިންވެސް ލުއިތައް ދެމުން ދިޔައިރު އެންމެ ފުރަތަމަ ހުޅުވާލީ މިސްކިތްތައް ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ، މިސްކިތްތައް ބަންދުކުރީ ކޮވިޑް އިން އަރައިގަތުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި މި ހާލަތުގައި މީހުން އެއްގޮތަކަށް ވެސް ބޭރަށް ނުނިކުރުމަށްވެސް އަންގާފައި ވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް