ނަޝީދުއަށް ދިން ހަމަލާގައި އިންޓަލިޖެންސްގެ ފޭލިއަރއެއް އޮތް ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް މަޖިލީހުގެ ކުރީގެ ނައިބުރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މޫސަ ވިދާޅުވީ، އެ މައްސަލަ ބަލައި ތަހުގީގުކޮށް ނުނިމެނީސް، އެއީ އިންޓަލިޖެންސްގެ ފޭލިއަރއެއްކަމަށް ނުބުނާނެ ކަމަށެވެ. އަދި އެއީ އިންޓަލިޖަންސްގެ އިހުމާލެއް ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށެވެ.
އެކަމުގައި މާރިޔާގެ އިހުމާލެއް ވާނެތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރީކޯ ވިދާޅުވީ، އެކަންވެސް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މާރިޔާއަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުއަށް ކިރިޔާވެސް އެނގިގެން ރައީސް ނަޝީދަށް އަނިޔާއެއް ލިބޭނެ ކަމެއް ނަމަ އެކަމެއް ވިޔަ ނުދޭނެ ކަމަށެވެ.
މާރިޔާ ދިފާއުކުރައްވާ ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ، ހަތެއް ފެބްރުއަރީގެ ބަޣާވާތުގެ ދުވަހުގައިވެސް ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތް ކުރައްވަން މަސައްކަތްޕުޅު ކުރެއްވީ މޫސަ އާއި މާރިޔާ ކަމަށެވެ. އެގޮތުން ނަޝީދަށް ދޭން އުޅުނު ހަމަލާ ހުއްޓުވުމަށް މޫސަ މަސައްކަތް ކުރެއްވި އިރު، ނަޝީދަށް ފިއްލަވަން ފުރުސަތު ލިބިވަޑައިގެންނެވީ މާރިޔާ އެ ދޭތެރެއަށް ވަނުމުން ކަމަށެވެ.
އެހެންކަމުން ހައެއް މާރޗްގައި ނަޝީދަށް ދިން ފަދަ ހަމަލާއެއް ދިނުމަށް މާރިޔާވެސް އަދި ކޮމިޝަނަރ އޮފް ޕޮލިސް ވެސް ބޭނުންފުޅު ނުވާނެކަމަށް މޫސަ ވިދާޅުވިއެވެ.
މި މައްސަލައިގައި އެމްޑީޕީ މިއޮތީ ބައިވެފައި ކަމަށް މޫސަ ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ ކުރިއަށް އޮތް 2023 ގެ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމުގައި އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތު ވުން އުފެދިފައި ވާކަމަށެވެ.
މި މައްސަލައިގައި ހަރަދު ކުރީ ކާކުތޯ މީހުން ސުވާލު އުފައްދަމުން ދާއިރު، މީހަކު ހަރަދެއް ކޮށްފައި ވޭތޯ ރީކޯ ވަނީ ސުވާލު އުފައްދާފައެވެ. ރީކޯ ބުނީ، ފަންޑްކުރި ބައެއް ހޯދަން ގޮވާލާ މީހުނަށް، މީހަކު ފަންޑް ކުރިކަން އެނގޭނަމަ، ފަންޑް ކުރި މީހަކާއި ވަރެއް އެނގެންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން އެނގިވަޑައިގަތުމާ އެކު، އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދެއްވި ކަމަށް ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވި ވާހަކައަށް އަލިއަޅުވާލައި މޫސަ ވިދާޅުވީ، އެގޮތަށް އެ އަޑު އިވިފައި ވާނަމަ އިލްޔާސްވެސް އަދި މާރިޔާވެސް ނަޝީދަށް އެ ވާހަކަ ދަންނަވާނެ ކަމަށެވެ. އެހެންކަމުން އެކަމުގައި ވަކި މީހެއް ކުއްވެރިކޮށް ވާހަކަ ނުދެއްކޭވެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް މޫސަ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް