ރާއްޖޭގެ ޒުވާނުންގެ ތެރޭގައި ކަންބޮޑުވާ ދަރަޖައަށް ދުންފަތުގެ އިސްތިއުމާލު ކުރާކަމަށް އެޗްްޕީއޭގެ ކްލިނިކަލް އެޑްވައިޒަރީ ޓީމްގެ ފަރާތުން ޑރ އިބްރާހިމް ޝިހާމް ވިދާޅުޖެއްޖެއެވެ.
މިއަދަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަލާފައިވާ 'ވޯލްޑް ނޯ ޓޮބޭކޯ ޑޭ' އެވެ. އެމައުލޫއަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަމަވުން ޑރ ޝިހާމް ވިދާޅުވީ، ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި، ސިނގިރޭޓް ބުއިމުގެ ސަބަބުން އިތުރަށް ބޮޑެތި ގެއްލުންތަކެއް ވާކަމަށް ޝިހާމް ވިދާޅުވިއެވެ.
ޝިހާމް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރުން އެހެނިހެން ބޮޑެތި ބަލިތައް ޖެހުމަށް ވެސް މަގުފަހިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ޝިޢާރާ އެއްގޮތަށް ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލާ ދުރަށްދާން މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރައްވާކަމަށް ޝިހާމް ވިދާޅުވިއެވެ.
ކޯވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި، ޚާއްޞަކޮށް ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާޞަބު ވަގުތުކަން ފާހަގަކުރެއްވިއެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމާ ކޯވިޑް-19 އަކީވެސް ފުއްޕާމެޔާ ނޭވާލާ ނިޒާމު ބަލިކޮށްލާ ކަމަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކޯވިޑް-19އަށް ހުށަހެޅިއްޖެ ނަމަ އެކަމުގެ ހުރި ނުރައްކާތެރިކަން ފާހަގަކުރައްވައި ކަމާގުޅުންހުރި ބައެއް ތަފާސް ހިސާބުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި އަލިއަޅުވާލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް