ކޮވިޑްގެ ހާލަތުގެ ފިޔަވަޅުތަކާ ޚިލާފުވި 913 ފަރާތެއް އިއްޔެ ޖޫރިމަނާ ކޮށްފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާސްކް ނާޅާ އުޅުމުގެ ސަބަބުން 208 މީހަކު ޖޫރިމަނާ ކޮށްފައި ވާކަމަށެވެ.
ކާފިއު ގަޑީގައި މަގުމަތީގައި އުޅުމުގެ ސަބަބުން 631 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު، ކެފޭ، ސެލޫން، ޖިމްތަކާއި ފިހާރަތަކުން ފިޔަވަޅުތަކާއި ޚިލާފު ވުމުގެ ސަބަބުން 74 ތަނަކަށް ފިޔަވަޅު އެޅިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެތެރޭގައި އެތަންތަނުން ޚިދުމަތް ހޯދި ފަރާތްތަކާއި ޚިދުމަތް ދިން ތަންތަން ހިމެނެއެވެ.
އެޗްޕީއޭގެ ފަރާތުން ހިންގާ މާސް އިންސްޕެކްޝަންގެ ދަށުން،142 ތަނެއް ބަލާ ފާސްކޮށްފައި ވެއެވެ. އޭގެތެރެއިން136 ތަނެއްގައި މައްސަލައެއް ފާހަގަ ކުރެވިފައި ނުވާއިރު ފަސް ތަނެއް އަލުން އިވެލުއޭޓް ކުރުމަށް ފޮނުވާފައިވެއެވެ.
މާލެ ސަރަހައްދުގައިވެސް ކާފިއު ހިންގަމުން ދާއިރު، މި އެންގުމުގެ ދަށުން، މާލޭގައި ރަސްމިއްޔާތުތަކާއި ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. ސެލޫންތަކާއި ޖިމްތަކާއި، ބޯކޮށާތަންތަން ބަންދު ކުރަން އަންގާފައިވެ އެވެ.
އެޗްޕީއޭއިން ބުނީ އާންމު ތަންތަނުގައި އެއްފަހަރާ އެއްކޮށް އުޅެވޭނީ ގިނަވެގެން ތިން މީހުންނަށް ކަމަށެވެ. އަދި އެއްގެއިން އަނެއް ގެއަށްޒ ޒިޔާރަތް ކުރުން މަނާކޮށްފައިވާއިރު ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ކުރިޔަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ކެފޭ/ ރެސްޓޯރެންޓުތަކުން ހަމަ އެކަނި ޑެލިވަރީގެ ހިދުމަތް ދޭގޮތަށް ބަދަލުކޮށް ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށް އަންގާފައިވެ އެވެ. ޔުނިވާސިޓީ އަދި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް އަންގާފައިވެ އެވެ.
ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ
ޚިދުމަތް ދިނުމަށް އެޗްޕީއޭއިން އަންގާފައި ވެއެވެ.
މި އެންގުންތައް ތަންފީޒު ކޮށް ރައްޔިތުން އަމަލު ކުރޭތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާތޯ ބެލުމަށް ފުލުހުންނަށް އަންގާފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް