ދިފާޢީ ބާރުތަކައި ގުޅޭގޮތުން އިންތި ދެއްކެވި ވާހަކަތަކާއި މެދު އަލްހާން ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާގައި ދިފާޢީ ބާރުތަކުން ބައިވެރިވާކަމަށް މާފަންނަނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ތުހުމަތުކުރެއް...

31 May 2021 | 14:13

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާގައި ދިފާޢީ ބާރުތަކުން ބައިވެރިވާކަމަށް މާފަންނަނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ތުހުމަތުކުރެއްވުމަކީ ކަންބޮޑުވާކަމެއް ކަމަށާއި އެ މައްސަލަ ބަލަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާ ދިނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އެ ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނުވިލާތުގެ އަސްކަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައިވެ އެވެ.

އަލްހާން މިހެން ވިދާޅުވީ، އިންތިގެ އެ ވާހަކަތައް ލިޔެފައިވާ ލިޔުމެއްގެ ފޮޓޯ އަކާއި އެކު ޓުވިޓާގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.

އަލްހާން ވިދާޅުވީ މަޖިލީސް މެމްބަރަކު މިގޮތަށް ތުހުމަތުކުރެއްވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އިންތި އެ ވިދާޅުވި އެއްޗެއް ސިފައިންނާއި ފުލުހުން އަދި ރައްޔިތުންގެ މަޖިލީހުން ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

https://twitter.com/AlhanFahmy/status/1399347716258291715

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގަލޮޅު ކެނެރީގޭގެ ސެކިއުރިޓީއާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހާމަވުމުން އެކަމާ ގުޅިގެން ސަލާމަތީ ބާރުން އެއްޗެއް ނުބުނެ އޮތުމުން ކަންބޮޑުވާކަމަށް އިމްތިޔާޒް ފަހުމީ މިއަދު ވިދާޅުވެފައި ވެއެވެ. އެގޮތުން އިމްތިޔާޒް ވިދާޅުވީ އަމިއްލަގެއިން ވައްކަން ކުރާގޮތަށް އެމްއެންޑީއެފްގެ މައުލޫމާތު މީޑިއާއަށް ހާމަކޮށް ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށެވެ.

އިންތި ވިދާޅުވީ ރައީސް ނަޝިދުގެ ސެކިއުރިޓީގެ މައުލޫމާތު ހާމަކޮށް އެކަން ނޫހެއްގައި ޖެހިއިރުވެސް، މިހާތަނަށް ސަލާމަތީ ބާރުތަކުން އެކަމުގައި އެއްޗެއް ނުބުނެ އޮތުމަކީ ވަރަށް ގޯސް މެސެޖެއް ދޭ ކަމެއްކަމަށާއި، އަދި އެކަމާމެދު ކަންބޮޑުވާކަމަށެވެ.

“އޭގެން ބުނެދޭ އެއްވާހަކައަކި އެ އިއުތިރާފްވަނީ. ތިމަންނަމެން ދިން މައުލޫމާތެއް ކަމަށް އިއުތިރާފްވަނީ. އަޅުގަނޑު ވަރަށް ކަންބޮޑުވޭ. މިއީ ގުޅިގެން އެތެރެއިން ގުޅިގެން ހިންގި ބޮޑު ޕްރޮޕެގެންޑާއެއް.” އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން އިމްތިޔާޒް ވިދާޅުވީ މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކަށް ވާންޖެހޭނީ މި މައްސަލަކަމަށާއި، އަދި މިކަން ހިނގާދިޔަގޮތް ބަލަންޖެހޭ ކަމަށެވެ. މިކަމުގެ ސަބަބުން ވިކްޓިމް އިތުރަށް ވިކްޓަމައިޒް ވެގެންދާގޮތް ވެފައިވާކަމަށް އިންތި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް އަނިޔާވެފައި ވަނީ މި މަހުގެ ހަވަނަ ދު ވަހުއެވެ.

އެމަނިކުފާނުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ އެމަނިކުފާނު ގެކޮޅު ގ. ކެނެރީގޭ ކައިރީގައި ކާރު އޮއްވަ އަރާވަޑައިގެންނަވަނިކޮށެވެ. މި ހާދިސާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނުން އެމަނިކުފާނު ވަނީ ފަރުވާ ހޯއްދަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް