ރާއްޖެއަށް ގޮދަން ގެނެސް އެސްޓީއޯއިން ފުށް އުފެއްދުމުގެ މަސައްކަތް ފަށަނީ

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ރޯ ގޮދަން ރާއްޖެ ގެނެސް، ރާއްޖޭގައި ފުށް އުފައްދަން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެސްޓީއޯއިން ބުނެފި އެވެ. އެސްޓީއޯ އިން މިއަދު ބޭއްވި އަހަރީ އާއްމ...

31 May 2021 | 13:39

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ރޯ ގޮދަން ރާއްޖެ ގެނެސް، ރާއްޖޭގައި ފުށް އުފައްދަން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ކުރިން ރެކޯޑުކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާ ކަމެވެ. އެކަން ކުރުމުގެ ގޮތުން ގޮދަން ރާއްޖެ ގެނެސް ފުށް ތައްޔާރު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މަސައްކަތް ކުރާނީ ރާއްޖެއަށް ގޮދަން އެތެރެކޮށްގެން ފުށް ހަދާ ފެކްޓަރީއެއް ގާއިމް ކުރުން ކަމަށެވެ. އޭރުން ތަންކޮޅެއް ގިނަ ދުވަހު ދެމިހުރެ ކާނާގެ ޔަގީންކަން ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ފުށް އުފައްދަން ފެށުމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ކުރިޔަށް އެ ކުންފުނިން ފަށަން މަސައްކަތް ކުރާ ކަންކަމުގެ ތެރޭގައި މާލެ ސަރަހައްދުގައި ސެންޓްރެލް ވެއާހައުސްއެއް ހަދައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ގުދަންތައް ހަދައި ހިދުމަތް ދިނުމަކީވެސް އަމާޒެއް ކަމަށް އަމްރު ވިދާޅުވި އެވެ. މީގެ އިތުރުން ސަރަހައްދީ ބަނދަރުތަކަށް ހާއްސަކޮށް މުދާ ގެނައުން ފުޅާ ކުރަން ވިސްނާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން ރާއްޖޭގައި ފުށް އުފައްދާ ފެކްޓްރީއެއް އެޅުމުގެ ވިސްނުން ގެންގުޅޭއިރު އެ ކުންފުނިން މިހާރު ދަނީ ކުންފުންޏެއް ހަދައި ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގަންނަމުންނެވެ.

އެސްޓީއޯއިން މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ ދަނޑުވެރިން ކުރާ މަސައްކަތުގެ ހަމަ އަގު ހޯދައި ދެވެމުންދާ ކަމަށެވެ. އެހެން ކަމުން ފުށް އުފައްދާ ފެކްޓްރީއެއް ފަދަ ތަނެއް ހެދުމުން ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީވެސް ލިބޭނެ ކުރިއެރުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް