ރާއްޖޭގެ 16 ފަޅުރަށެއް ބައި ޤަރުނަށް ވިއްކާލަން ހުޅުވާލުން، ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް!

ދިވެހި ސަރުކާރުން 16 ފަޅުރަށެއް 50 އަހަރު ދުވަހުގެ މުއްދަތައް ވިއްކާލަން މޯލްޑިވްސް ޓޫރިޒަމް ބޯޑުން ނިންމުމާއި ގުޅިގެން، ދުނިޔޭގެ އެކި މީޑިއާތަކުގައި މި ކަމަށް ވަަރަށް ބޮޑު މަޤުބޫލު ކަމެއް ލިބިއްޖެއެވ...

31 May 2021 | 11:29

ދިވެހި ސަރުކާރުން 16 ފަޅުރަށެއް 50 އަހަރު ދުވަހުގެ މުއްދަތައް ވިއްކާލަން މޯލްޑިވްސް ޓޫރިޒަމް ބޯޑުން ނިންމުމާއި ގުޅިގެން، ދުނިޔޭގެ އެކި މީޑިއާތަކުގައި މި ކަމަށް ވަަރަށް ބޮޑު މަޤުބޫލު ކަމެއް ލިބިއްޖެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބެހިފައިވާ ގިނަ ރައްތަކެއް ވިއްކާލަން ސަރުކާރުން ނިންމާފައި ވާއިރު، މިއީ ޕްރައިވެޓު ފަޅު ރައްތަކެއް ހިމެނޭ ގޮތަށް ދުނިޔޭގައި ބާއްވާ މިފަދަ ފުރަތަމަ އޮކްޝަން ކަމަށް ޔާހޫ ނިއުސްެެއިން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މިއީ މި ރަށްތަކުގެ މިލްކުވެރިކަން ލިބޭނެ ފުރުސަތެއް ނޫން ކަމަށާއި، ކޮންމެ ރަށެއްވެސް ކުއްޔަށް ދޫކުރަން ހަމަޖެހިފައި ވަނީ ބައި ޤަރުނުގެ މުއްދަތަަށް ކަމަށް ޔާހޫއިން ބުނެއެވެ.

މީގެ އިތުރުން، މި ރަށްތައް ކުއްޔަށް ނެގުމަށް ބިޑު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކާމިޔާބުވާ ފަރާތްތަކަށް، މި ރަށްތަކުގައި ރިޒޯޓެއް ތަރައްޤީ ކުރުމަށް ވަނީ ޝަރުތު ކޮށްފައެވެ. އެގޮތުން، އެ ރަށްތަކުގެ ޤުދުރަތީ ރީތިކަމަށް ސަމާލު ވުމާއިއެކު، ރަށް ކުއްޔަށް ނަގާތާ 36 މަސް ދުވަހުގެ ތެރޭގައި ކޮންމެ ރަށެއްގައިވެސް ރިޒޯޓު ތަރައްޤީ ކުރުމުގެ އަމަލީ މަސައްްކަތް ފެށުން ދިވެހި ސަރުކާރުން ޝަރުތު ކޮށްފައި ވެއެވެ.

މީގެ އިތުުރުން، ރަށްތައް ތަރައްޤީ ކުރުމަށް އިންވެސްޓަރެއްގެ ރޯލުގައި އެންމެ މަދުވެގެން 250،000 ޑޮލަރު ހޭދަ ކުރާ ފަރާތްތަކަށް، 5 އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖެއިން ރެޒިޑެންޓް ވިސާ ލިބުމުގެ ފުރުސަތުވެސް އޮވެއެވެ.އެހެން ކަމުން، މި ފަދައިން އިންވެސްޓު ކުރާ ބޭރު މީހުންނަށް، "ދުނިޔެ މަތީގެ ސުވަރުގޭގައި" ހުރެގެން މަސައްކަތް ކޮށްލުމުގެ ފުުރުސަތު ލިބިގެން ދާނެ ކަމަށްވެސް ބޭރުގެ ގިނަ މީޑިއާތަކުން ވަނީ ބުނެފައެވެ.

މިގޮތަށް ކުއްޔައް ދޫކޮށް، ބޭރުގެ އިންވެސްޓްމެންޓް ހޯދަން މަސައްކަތް ކުރުމަކީ ދިވެހި ރާއްޖޭގެ ސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި، ޖީކިޔު އޮސްޓްރޭލިއާ މަޖައްލާއިން ވަނީ ސިފަ ކޮށްދީފައެވެ. ސަބަބަކީ، ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ކަމުގައި ވާތީއެވެ.

އެގޮތުން، ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 30 އިންސައްތަ ހިއްސާކުރާ ސިނާއަތެވެ.އަދި ކޮވިޑު 19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި ގުޅިގެން، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވެ، ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައި ވުމުގެ ސަބަބުން، މި ފަދައިން ބޭރުގެ އިންވެސްޓަރުން ހޯދުމަކީ މިވަގުތަށް އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅު ކަމަށް ޖީކިޔުއިން ދެކެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ވަނީ މި ރަށްތަށް ތަރައްޤީ ކުރެވޭނެ އުސޫލުތަކެއްވެސް ހާމަކޮށްފައެވެ. އެގޮތުން، އެ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ޕްލޭނިންގ އަލީ ޝިނާން މި އުސޫލުތައް ތަފްސީލު ކޮށްދެއްވައި ރޮބް ރިޕޯޓަށް ވަނީ މައުލޫމާތު ދެއްވާފައެވެ.އޭގެ ތެރޭގައި، ތިމާވެއްޓާއި ރަހުމަތްތެރި އުސޫލަކުން ރަށް ތަރައްޤީ ކުރުމާއިއެކު، ކާރބަން އިމްޕެކްޓް ކުޑަ ކުރުން ހިމެނެއެވެ. އަދި ވަށައިގެންވާ ޤުދުރަތީ މާހައުލަށް އެއްވެސް ގެއްލުމެއް ނުވާނެހެން ރަށް ތަރައްޤީ ކުރަމުން ގެންދާއިރު، އެއްވެސް ގަހެއް ނުކެނޑޭނެ ކަމަށާއި، މިގޮތަށް ގަހެއް ކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އޭގެ ބަދަލުގައި އިތުރު 2 ގަސް އިންދަން ޝަރުތު ކޮށްފައި ވުމާއި، ބިނާ ކުރާ އިމާރާތްތައްވެސް ގަސްތަކަށް ވުރެ އުސް ވެގެން ނުވާނެ ގޮތަށް އިމާރާތް ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ޝަރުތު ކޮށްފައި ވެއެވެ.މީގެ އިތުރުން، ރަށުގެ ވެޖިޓޭޝަން ލައިން ސަލާމަތް ކުރުމަށް، އިމާރާތްތައް ބިނާ ކުރަން ޖެހޭނީ ރަށުގައި ގަސްގަހާގެހި އުފެދިފައިވާ ސަރައްހަދުގެ 5 މީޓަރު އެތެރެއަށްވާ ގޮތަށް ކަމަށްވެސް ޝިނާން ވިދާޅުވެފައި ވެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން މި ރަށްތަކަށް ބިޑު ކުރުމުގެ މުއްދަތު އަންނަ މަހުގެ 6 އަށް ހުޅުވާލާފައި ވާއިރު، ބައިނަލްއަޤްވާމީ ފަރާތްތަކުން އަލުން އަނބުރާ ނުލިބޭ ގޮތަށް، 3250 ޑޮލަރުގެ އެޕްލިކޭޝަން ފީ އެއް ހުށަހަޅަން ޖެހެއެވެ.އަދި ޖޫން 10 ވަނަ ދުވަހުގެ ރާއްޖެ ގަޑިން ހެނދުނު 10 ޖެހުމާއި ހަމައަށް، އެ ފަރާތަކަށް އެންމެ ކަމުދާ ރަށްތަކަށް ބިޑު ކުރަން ޖެހެއެވެ.ބިޑު ކުރުމާއި ގުޅޭ ހުރިހާ މައުލޫމާތާއި އެހެނިހެން ލިޔެކިޔުންތައްް އެ މިނިސްޓްރީން ލިބެން ހުންނާނެއެވެ.

މި ރަށްތަކުގެ އިތުރުންވެސް ދާދި އަވަސް މުސްތަޤްބަލެއްގައި އިތުރު ފަޅު ރަށްތަކެއް މިފަދައިން ވިއްކާލަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް