ނަޝީދުގެ ސެކިއުރިޓީ މައުލޫމާތު އާންމު ކުރީ ޤާނޫނާ ހިލާފަށް: ހިސާން

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީގެ މައުލޫމާތު އާންމު ކޮށްފައިވަނީ ޤާނޫނާއި ހިލާފަށް ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. ހިސާން މިހެން ވިދާޅުވީ، މަޖިލީހުގެ...

31 May 2021 | 10:06

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީގެ މައުލޫމާތު އާންމު ކޮށްފައިވަނީ ޤާނޫނާއި ހިލާފަށް ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ، މަޖިލީހުގެ ރައިސް މުހައްމަދު ނަޝިދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ތެރޭގައި ތަފްސީލީ މައުލޫމާތު ހާމަވެފައިވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ސިފައިންގެ ގާނޫނު އޮންނަ ގޮތުން މިފަދަ ސެކިއުރިޓީގެ މައުލޫމާތު އެމްއެންޑީއެފްގެ ތެރެއިންވެސް އެއްކުރެވޭނީވެސް ވަކި ބަޔަކަށް ކަމަށެވެ. އަދި އެފަދަ ވަކި ބަޔަކަށް އެއްކުރެވޭ މައުލޫމާތު މުއައްސަސާގެ ތެރެއިން ބޭރުވުމަކީ ކަންބޮޑުވާ ކަމެއްކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭންޖެހޭ މީހަކާ ގުޅުންހުރި އަދި އެބޭފުޅާގެ އާއިލާއާ ދިރިއުޅުއްވާ ގެކޮޅާ ގުޅުންހުރި އަދި އެ ސެކިއުރިޓީގެ ވީކްނަސް ހާމަވާގޮތަށް މައުލޫމާތުތަކެއް އެ ސެކިއުރިޓީ ފޯރުކޮށްދޭން ލާޒިމުވާ މުއައްސަސާއިން ހާމަކުރުމަކީ، މީހެއްގެ ފުރާނައަށް ނުރައްކާ ވާނެގޮތަކަށް އެ މައުލޫމާތު އާންމުކުރި ފަރާތުން އަމަލުކޮށްފައިއޮތް ކަމެއްކަމަށެވެ. އަދި ވިދާޅުވީ ދިފާއީ ބާރުގައި ހުންނަ ސިއްރު މައުލޫމާތު ބޭރުވުމަކީ ސީދާ ގައުމީ ސަލާމަތަށް ނުރައްކާ އޮންނާނެކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ މިމައްސަލައިގައި ބަލަނީ ހަބަރަށް މައުލޫމާތުދިން މަސްދަރަކީ ކޮބައިތޯ ނޫންކަމަށާއި، މިމައްސަލައިގައި ބަލަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކެއް ހުރުމުން އެކަން ކަމަށެވެ. އަދި އެފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތުތަކެއް އާންމުވުމުން އެކަން އާންމުވިގޮތެއް މީގެތެރެއިން ބަލަންޖެހޭކަމަށް ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މަޖިލީހުން ކުރާ މަސައްކަތްވާނީ މީޑީއާގެ މިނިވަންކަން ކަށަވަރުކުރުމާ އެކު ޤާނޫނުއަސާސީން މަޖިލީހަށް ލާޒިމުކޮށްފައިވާ މަސައްކަތް ކުރުމަށްކަމަށެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ ސިފައިންގެ މައުލޫމާތާއި މައްސޫލިޔަތު އަދާކުރުމުގެ ތެރެއިން ލިބޭ އެއްވެސް މައުލޫމާތެއް ޤާނޫނުން ހުއްދަ ކުރާ ފަރާތްނޫން އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ސިފައިންގެ ގާނޫނުން މަނާކަމެއްކަމަށެވެ. އަދި ދައުލަތުގެ އެއްވެސް ސިއްރު މައުލޫމާތެއް ހާމަކުރުމަކީ ޤާނޫނުއުގޫބާތުގެ ދަށުންވެސް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމެއްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް