ސަލާމަތީ ޚިދުމަތްތަކުގެ ބޭފުޅުންނާ މެދު ނަފުރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަލީ ޒާހިރު މިހެން ވީދާޅުވީ ސަލާމަތީ ޚިދުމަތްތަކުގެ އިސްބޭފުޅުން މަސައްކަތަށް ސީރިއަސްތޯ އަދި މުހިއްމު ބައްދަލުވުންތަކަށް ސިފައިން ވަޑައިނުގަންނަވާ ކަމަށް ބުނެ ޓްވިޓާގައި ކުރި ސުވާލަށް ދެއްވި ރައްދުގައެވެ.
ރައްދުގައި އަލީ ޒާހިރު ވިދާޅުވީ ސިފައިންގެ ތެރޭގައި އެފަދަ މައްސަލައެއް ނުޖެހޭ ކަމަށެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގެ ބޭފުޅުންނާ މެދު ނަފްރަތު އުފައްދައި، އެބޭފުޅުންގެ އަގު ވައްޓާލަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
ސަލާމަތީ ޚިދުމަތްތަކުގެ ބޭފުޅުންނާ މެދު ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައި މިވަނީ، މި މަހުގެ 6 ވަނަ ދުވަހު، ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްއެންޑީއެފްއަށް އާއްމުންގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާގައި ބޮޑެތި ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރު ހުންނެވީ ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް