ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފެށި ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއަށް އަނިޔާ ކުރެއްވި މައްސަލައިގަ އެވެ. އެކަން ހިނގާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅުއްވީ އަސްރާ އަމިއްލަ އަށެވެ. އެކަމަކު ފަހުން އަސްރާ އެ މައްސަލަ އަނބުރާ ނެންގެވި ސަބަބެއް ސާފެއް ނުވެ އެވެ. އަސްރާ އެ މައްސަލަ ނެންގެވިޔަސް ފުލުހުން ނިންމާފައިވަނީ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދާށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ. މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރި އިރު އީސަ ވަނީ އަސްރާއަށް އަނިޔާ ކުރެއްވި ކަމަށް އިންކާރު ކުރައްވާފަ އެވެ. އަދި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ. އީސަ އާއި އަސްރާއަށް ފިރިހެން ބޭފުޅަކު ލިބިވަފައިވާއިރު ދަރިފުޅުގެ އުމުރުން މިހާރު ދެ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް