ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) އަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ދައުވާތަކެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައިފި އެވެ.
ޕީޖީ އޮފީހުން ބުނީ އެ ދައުވާތަށް އޭނާ އާއޮ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލީ އިއްޔެ ކަމަށެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 215 ވަނަ މާއްދާގެ ދަށުން، ހިޔާނަތްތެރިވުމުގެ 42 ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ އެއް ނަމްބަރުގެ ދަށުން 12 ދައުވާއަކާއި އެ މާއްދާގެ އެހެން ނަމްބަރެއްގެ ދަށުން 25 ދައުވާއަކާއި ފަސް ދައުވާ އެކެވެ.
ޝަފީއު ވިދާޅުވީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދަޢުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް އައްމަޓީއަށް ކަނޑައެޅޭނެކަމަށް ފެނެއެވެ.
ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ފަހު އަންމަޓީ ފިލި މައްސަލައިގަ އަންމަޓީ ހޯދަން އިންޓަޕޯލް މެދުވެރިކޮށް އޮތީ ރެޑް ނޯޓިސް ނެރެފަ އެވެ. ލަންކާގައި އުޅެނިކޮށް އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.
ސީލައިފް އިން ފްލެޓު ދޭނެ ކަމަށް ބުނެ 280 މީހަކު އަތުން އޭނާ ފައިސާ ހޯދާފައިވެ އެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީ އެއްގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާއިރު، އެ ފައިސާތައް ހިފައިގެން އޭނާ ވަނީ ފިލާފަ އެވެ.
މި ފްލެޓްތަކަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ފައިސާ ދެއްކިއިރު ބައެއް ފަރާތްތަކުން ވަނީ ފުލް ޕޭމެންޓް ދައްކާފަ އެވެ. އެކަމަކު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް