މިރޭ 12:00 ން ފެށިގެން ރާއްޖެ އެތެރެ ކުރުން މަނާ ކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު އުފެއްދުންތައް އެތެރެކުރަން ހާއްސަ ހުއްދައެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަގުނަ ދަތިތަކެއް އެބަހުރި ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިފަދަ ދަނޑިވަޅެއްގައި ބައެއް ބާވަތްތައް އެތެރެ ކުރުން މަނާކުރުމުން ޕްލާސްޓިކް ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރަން ޖެހޭ ކަމަށެވެ.
އެހެންވެ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 8/2020 (30 ޑިސެންބަރު 2020) ޤަރާރުގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާކުރެވޭ ބާވަތްތައް އިމްޕޯޓުކުރުމުގެ ސުންގަޑި ކަނޑައެޅުމުގައި އެހެން ގޮތަކަށް އަމަލު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޖޫން އެއް ވަނަ ދުވަހުގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއްނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލް އެ ތާރީހުގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުރުސަތު ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
މާދަމާއިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ވާނެ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައިސްޕާރީ ޕެކެޓްގެ އިތުރުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮށި ހިމެނެ އެވެ. އަދި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު ވެސް ހިމެނެއެވެ.
ދެން މަނާވާ ތަކެތީގެ ތެރޭގައިޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރާއި ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި ވެސް ހިމެނެއެވެ. އޭގެތެރޭގައި ފެނާއި ލުއިބުއިން ވެސް ހިމެނެއެވެ.
ދެން މަނާ ވާނީ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް