އަގު ދީގެން ބޮޑުގޭ ފާރުތަކުގައި ކުރަހައި ދޭނެ ބަޔަކު ހޯދަނީ

މާފަންނު، ބޮޑުގޭގައި ހެދި ޕާކިން ޒޯންގެ ފާރުތަކުގައި ކުރާހާދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރު ފަރާތު ފާރު ތަޅާލައި އެތަނުގައި ހެދި...

31 May 2021 | 06:46

މާފަންނު، ބޮޑުގޭގައި ހެދި ޕާކިން ޒޯންގެ ފާރުތަކުގައި ކުރާހާދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރު ފަރާތު ފާރު ތަޅާލައި އެތަނުގައި ހެދި ޕާކިން ޒޯންގެ ފާރުތަކުގައި ކުރަހާދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. އެތަނުގެ ފާރުތަކުގައި ކުރަހަން ސިޓީ ކައުންސިލުން ބޭނުންވަނީ ރާއްޖޭގެ ރީތި މަންޒަރުތަކާއި، އިސްލާމީ ޝިއާރުތައް ހިމެނޭ ކުރެހުންތެކެވެ.

މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭން އެދޭ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެ ކައުންސިލުން ވިދާޅުވީ ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 7 ވަނަދުވަހުގެ 14:00 ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނުމަގުގައި ހުންނަ، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭ ކޮށީގައިކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ. އަދި މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 10 ޖޫން 2021 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީ ކައުންސިލްގެ މެއިލަށް ފޮނުވުމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

ބޮޑުގޭގެ ފާރުތަކުގައި ކުރަހާދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި މިވަނީ އެތަނުގައި ހިލޭ ކުރަހާދޭނެ ބަޔަކު ހޯދުމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޓްވީޓާގައި ކުރި ޕޯސްޓަކަށް އެތައް ބައެއް ފާޑުކިޔުންތައް އަމާޒުވުމުންނެވެ. މުއިއްޒު އެ ޕޯސްޓަށް ފާޑުކީ ބައެއް އާޓިސްޓުން ބުނީ އަމިއްލަ މަސައްކަތްތެރިންގެ އަގު ކައުސިލުން ވަޒަން ނުކުރާކަމަށެވެ. އެގޮތުން އާމްދަނީ ލިބުން ދަތިވެފައިވާ މި ވަގުތު ހިލޭ މަސައްކަތް ކުރަން ގޮވާލުމަކީ އާޓިސްޓުންގެ މަސައްކަތް ބަލައިނުގަތުންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް