ކުޅުދުއްފުށީގައި ރަހީނުކޮށް އަނިޔާ ކުރި މީހާ އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި، ހާލު ސީރިއަސް

ހދ. ކުޅުދުއްފުށީ ސިޓީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ރަހީނުކޮށް އަނިޔާ ކުރި މީހާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފ...

31 May 2021 | 06:31

ހދ. ކުޅުދުއްފުށީ ސިޓީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ރަހީނުކޮށް އަނިޔާ ކުރި މީހާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ 8:48 ހާއިރު އެވެ. އެމީހާއަށް ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެރޭ 9:50 ގައި އެވެ.

އުމުރުން29 އަހަރުގެ ފިރިހެން މީހާއަށް އެމީހުން އަނިޔާކޮށްފައިވަނީ ކާރަކަށް އަރުވައިގެން ގެންގޮސްފަ އެވެ. އެމީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މާލެ ގެނައީ އިއްޔެ މެންދުރު އެވެ.

އެމީހާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގައި އެވެ. އެ ހޮސްޕިޓަލުން މީޑިއާގައި ބުނީ އެމީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށާއި ހާލު ސީރިއަސް ކަމަށެވެ.

އަދި ބައެއް އޮޕަރޭޝަންތައް ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އަނިޔާ ކުރުމުގެ ސަބަބުން އެ ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި އެވެ. އެގޮތުން އޭނާގެ ބޮލުގެ ކަނާތް ފަރާތުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފައި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް މޫނު ނިވާކޮށްގެން ތިބި މީހުން އަނިޔާ ކުރީ ވައްކަމުގެ މައްސަލައެއްގައި އެވެ. މިކަމާއި ގުޅިގެން ފުލުހުން އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފަވެސް ނުވެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް