ދިރާސީ އާ އަހަރުގެ ފޮތްތައް ޖޫން 24ގެ ނިޔަލަށް ދަރިވަރުންނަށް ދޫކުރާނެ: އެޑިއުކޭޝަން

2021ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް ޖޫން 24ގެ ނިޔަލަށް ދަރިވަރުންނަށް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަ...

31 May 2021 | 05:51

2021ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް ޖޫން 24ގެ ނިޔަލަށް ދަރިވަރުންނަށް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ 2021ވަނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މިނިސްޓްރީން ވަމުންދާ ތައްޔާރީތައް ހިއްސާކުރައްވާފައެވެ.

މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، 2020ވަނަ ދިރާސީ އަހަރުގެ ކިޔެވުން ޖޫން 24ގައި ނިމޭއިރު، ކުރިއަށްއޮތް އެކަޑަމިކް އަހަރަށް އަލަށް ސްކޫލަށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަންގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޖޫންމަހުގެ 6ވަނަ ދުވަހުން ފެށިގެން މިހާރު ފޯމުލާފައިވާ ބެލެނިވެރިންނަށް މިނިސްޓްރީގެ ފަރާތުން ޖަވާބުދޭން ފަށާނެކަމަށެވެ. 2021ވަނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް މާލޭއާއި އަތޮޅުތަކުގެ ސްކޫލްތަކަށް ބެހުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢާއިޝަތު ޢަލީ ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މީހުން އާބާދުވާން ފަށާފައިވާއިރު، އެތަނުގައި އިތުރު ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން 3 ޕްރީ-ސްކޫލަކާއި، ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ޚާއްސަ އިތުރު ސްކޫލްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާލޭގައި އަޅާ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ދަރިވަރުންގެ ކިޔެވުމާއެކު އެކީގައިހެން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތައްވެސް ނުހުއްޓި ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން 2009ވަނަ އަހަރުން ފެށިގެން ފަށާފައިވާ އެކި މަޝްރޫޢުތަކުގެ ތެރެއިން 18 މަޝްރޫޢެއް މިހާރު އެއްކޮށް ނިމިފައިވާކަމަށާއި، 37 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކޮންޓްރެކްޓް ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި 57 މަޝްރޫޢެއް ޓެންޑަރިންގ މަރުހަލާގައި އޮތްއިރު، އިތުރު 47 މަޝްރޫޢެއް ޕްލޭންކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާގުޅިގެން ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ވަކިން ޚާއްސަކޮށް އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އަލަށް އެކުލަވާލި އެކަމިކް ކަލަންޑަރުގައިވާގޮތުން މި ހިނގާ 2020 ވަނަ ދިރާސީ އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީއަށްދާނީ ޖޫން 24 ގައެވެ. އަދި 2021 ވަނަ ދިރާސީ އަހަރުގެ ކިޔެވުން 10 އޯގަސްޓުގައި ފެށީގެންދާއިރު، އެ އަހަރުގެ ކިޔެވުން ނިމޭނީ 2022ވަނަ އަހަރުގެ ޖޫން 30 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް