މިއަދުގެ މޫސުން ލަފާކުރެވޭގޮތަށް ބަލާއިރު ބައެއް ރަށްރަށަށް މިއަދުވެސް އުދައެރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން މިހެން ބުނެފައިވަނީ މިއަދު ހަވީރު 06:00އާއި ހަމައަށް މޫސުން ލަފާކުރެވޭގޮތް ބަޔާންކޮށް ނެރެފައިވާ މިއަދުގެ މޫސުން ބުލެޓިންގައެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ. އެހެން ސަރަހައްދުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ބުނެފައިވާއިރު ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވެއެވެ.
"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވޭ" މޫސުމީ ބުލެޓިންގައި ބުނެފައިވެއެވެ.
ކަނޑު އާންމުގޮތެއްގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގެ އުސްމިނުގައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާކަމަށް ބުނެފައިވާއިރު ރާއްޖޭގެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް