އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު، ބޮރިސް ޖޯންސަންއާއި، އެ ޤައުމުގެ ސިޔާސީ މައިދާނުގައި ފާހަގަ ކޮށްލެވޭ ކެރީ ސައިމެންޑްސް ސިއްރު ރަސްމިއްޔާތެއްގައި ކައިިވެނި ބައްލަވައިގެންފިއެވެ.
ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ސިއްރު ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ވެސްޓްމިންސްޓަރ ކެތެޑްރަލްގައެވެ.
ވެސްޓްމިންސްޓަގައި ހުންނަ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީސް، ޑައުނިންގ ސްޓްރީޓްގެ ތަރުޖަމާނެއް ވިދާޅުވީ ހޮނިހިރު ދުވަހުގެ މެންދުރު ބޭއްވި މި ކައިވެނީގެ ހަފްލާއަކީ ވަރަށް ސާދާ ހަފްލާއެއް ކަމަށާއި، އަންނަ ހޫނު މޫސުމުގައި އަލުން އާއިލާ އަދި ރައްޓެހިންނާއި އެކު މިފަދަ ޙަފްލާއެއް ބާއްވަން އެ ދެމަފިރިކަނބަލުން ނިންމަވާފައިވާ ކަމަށެވެ. އަދި ހަނީމޫންވެސް އެހާތަނަށް ފަސް ކުރެވިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކައިވެނިފުޅަށް ފަހު އަލުން ވަޒީފާގެ މަސްއޫލިއްޔަތަށް ނިކުމެ ވަޑައިގެންފައި ވާއިރު، އެ ބޭފުޅާއަކީ އިނގިރޭސިވިލާތުގައި، ވޭތުވެ ދިޔަ ދެ ޤަރަނުގައި، އެ މަޤާމްގައި ހުންނަވާ ކައިވެނި ބައްލަވައިގެންނެވި ފުރަތަމަ ބޭފުޅާއެވެ.
ޑެއިލީ މެއިލުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބޮރިސްގެ ކައިވެނި ޙަފްލާއަށް ދައުވަތު އަރުވާފައި ވަނީ އެންމެ 30 މެހެމާނުންނަށެވެ. މިއީ، އިނގިރޭސިވިލާތުގައި ކޮވިޑުން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މިވަގުތު މިފަދަ ޙަފްލާތަކަށް މީހުންނަށް ދައުވަތު އެރުވޭނެ އެންމެ މަތީ އަދަދެވެ.
އުމުރުން 56 އަހަރުފުޅުގެ ބޮރިސް ޖޯންސަން، މީގެ ކުރިންވެސް ދެފަހަރަކު ކައިވެނި ބައްލަވައިގެންފައި ވާއިރު، މި ކައިވެނިތަކުން ހަތަރުނ ދަރިކަލުން ލިބިވަޑައިގެެންފައި ވެއެވެ.
ބޮރިސްގެ މިހާރުގެ އަނބިކަނބަލުން، ކެރީ ސައިމަންޑްސްއަކީވެސް ސިޔާސީ ދާއިރާގައި ފަހަގަ ކޮށްލެވޭ މަޤާމްތަކެއް އަދާ ކުރައްވާފައިވާ ޒުވާން ބޭފުޅެކެވެ. އެގޮތުން، އިނގިރޭސިވިލާތުގެ ކޮންޒަރވޭޓިވް ޕާޓީގެ ޕްރެސް އޮފީހުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، އެ ޕާޓީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސްގެ މަޤާމްވެސް ސައިމަންޑް އަދާ ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް