މި އަހަރުގެ ޖޫންއިން ފެށިގެން، ސިންގަލް ޔޫސް ޕްލާސްޓިކް ބައެއް ބާތަތްތަކެއް މަނާވާނެ ކަމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން މީގެ ކުރިން ބުނެފައިވެއެވެ.
އެގޮތުން އެ މިނިސްޓްރީން ބުނެފައި ވަނީ،2021 ޖޫން އިން ފެށިގެން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ތެރެއިން 500 މިލިމީޓަރަށްވުރެ ކުދި، ބުއިމަށް ބޭނުންކުރާ ދިޔާތަކެތި ބަންދުކޮށްފައި ހުންނަ ޕީޓީއީ ފުޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާވާނެ ކަމަށެވެ.
އެއް ފަހަރު ބޭނުންކުރުން މަނާ ޕްލާސްޓިކްގެ9 ބާވަތެއް މިއަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ކުރާނެކަމަށް، މި އަހަރުގެ ފެބްރުއަރީ މަހު ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.
އެގޮތުން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި، ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅުވެސް މީގެތެރޭގައި ހިމެނެއެވެ.
މާދަމާއިން ފެށިގެން އިންޕޯޓްކުރުން މަނާ ތަކެތީގެ ތެރޭގައި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި ޕްލާސްޓިކް ދަނޑިކޮޅުލާފައި ހުންނަ ކަފަބުރުވެސް ހިމެނެއެވެ.
50 މިލިލީޓަރާއި، އެއަށްވުރެ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި ވެސް އިމްޕޯޓްކުރުން މަނާވާއިރު، މިލިސްޓްގައި250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށިވެސް ހިމެނެއެވެ.
ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ ވެސް މާދަމާއިން ފެށިގެން އިމްޕޯޓްކުރުން މަނާވާއިރު، ސުޕާރީ ފުޅި ވަނީ ރާއްޖެ އެތެރެކުރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް