ހއ. އިންނަފިނޮޅު ފަރަށް ރޭ އުރުނު އިރާނުގެ ބޯޓެއްގައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް އެ އަތޮޅުގެ ބައެއް ރަށްތަކަށް ލައްގަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު ފަރަށް އަރާފައިވާކަމުގެ މައުލޫމާތު ދިނީ މަސްވެރިކަން ކުރާ ދޯންޏަކުން މިއަދު ހެނދުނު 6:00 ގައި ކަމަށެވެ. އަދި އެމްއެންޑީއެފު ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް ކައިރިވުމުން ބޯޓުގައި ތިބި މީހުން ބޯޓުގައި ރޯކޮށްލުމަށް ފަހު މޫދަށް ފުންމާލައިގެން ފިލަން މަސައްކަތް ކުރި ކަމަށެވެ.
އެ ބޯޓުގައި އަށް މީހުން ތިއްބެވެ. އެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި އިހަވަންދޫގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރިކަމުގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ. އެހެންވެ ފުލުހުން އެ ބޯޓު ބަލާ ފާސްކުރަމުން ދާކަމަށް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގަ އެ ބޯޓުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހީގެ އިތުރުން ބޯޓުގެ ބައެއް ބައިތައްވެސް ދަނީ ރަށްރަށަށް ލައްގަމުންނެވެ. އެހެންވެ އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރަށްރަށް ލައްގާފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ޕެކެޓުތައް ހުރީ ވަރަށް ރަނގަޅަށް ބަންދުކޮށްފައި ކަމަށް އެރަށްރަށުން މައުލޫމާތު ދިން މީހުން ބުނެ އެވެ. މީގެ އިތުރުން، އިންނަފިނޮޅާ ކައިރީގައި ހުރި ފަޅު ރަށްރަށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ މި ތަކެތި ލައްގަފާނެތީ އެ ރަށްތަކަށް ދިއުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް