ޑޮކްޓަރެއްގެ އިހުމާލުން ދިވެހި އަންހެނަކު ނިޔާވިކަމަށް ބުނާ މައްސަލައެއް ބަލަނީ

އޭޑީކޭގެ ޑޮކްޓަރެއްގެ އިހުމާލުން ދިވެހި އަންހެނަކު މަރުވިކަމަށްބުނެ އާއިލާއިން އެ ހޮސްޕިޓަލަށް ހުށަހަޅާފައިވާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ...

31 May 2018 | 10:35

އޭޑީކޭގެ ޑޮކްޓަރެއްގެ އިހުމާލުން ދިވެހި އަންހެނަކު މަރުވިކަމަށްބުނެ އާއިލާއިން އެ ހޮސްޕިޓަލަށް ހުށަހަޅާފައިވާ މައްސަލައެއް އެ ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލާ ނިމުމުން އެކަންކަމުގެ މައުލޫމާތު އާއިލާއާއި ހިއްސާ ކުރާނެ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅޭ ޑޮކްޓަރު މިވަގުތު ވާނީ ޑިއުޓީން ދުރުކޮށްފައި ކަމުގައިވެސް އައްފާލް ވިދާޅުވި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ނިޔާވެފައިވަނީ ހ އުނިގަސްދޮށުގޭ އުމުރުން 59 އަހަރުގެ އައިޝަތު އާދަމް އެވެ.

އޭނާގެ އާއިލާއިން ބުނެފައިވާގޮތުގައި އައިޝަތު އާދަމް ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެންނެވެ. އޭނާ އަކީ ހިތުގެ ވިންދު ލަސްވުމުން ޕޭސްމޭކަރ ލައްވާފައިވާ އަދި ކިޑްނީގެ މައްސަލަތަކަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމުގައި އާއިލާއިން ބުނެފައި ވެ އެވެ.

އާއިލާއިން ސޯޝަލް މީޑިއާގައި މިކަމާއިބެހޭ ބަޔާނެއް ހިއްސާ ކޮށްފައި ވެ އެވެ.

މި މައްސަލަ އާއިލާގެ ފަރާތުން ހެލްތު މިނިސްޓްރީ އަށާއި ފުލުހަށް ހުށަހަޅާފައިވާއިރު މި މައްސަލައާއި ގުޅުންހުރި ޑޮކްޓަރު އަމިއްލައަށް އިސްތިއުފާ ދީފައިވާކަމަށް މައުލޫމާތު ލިބުނު ނަމަވެސް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވީ އެއީ އަދި ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

އާއިލާއިން ބުނެފައިވާގޮތުގައި ހޮސްޕިޓަލަސް ގެންދިއުމުން އައިސީޔޫގައި ފަރުވާ ދެމުން ދިޔައިރު ސީރިއަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރު އާއިލާއަށް އެންގި ކަމަށެވެ. ނަމަވެސް އައިސީޔޫގައި އޮތް އިރު އައިޝަތުގެ ކޮނޑުހުޅުން ތިރި ދުޅަވެ ތަދުވާތީ އުޅުނު ކަމަށެވެ.

އައިސީޔޫއިން ފަރުވާ ދިނުމަށްފަހު ނޭވާޅުން ރަނގަޅުވުމުން ކޮޓަރިއަށް ބަދަލު ކުރި ކަމަށާއި ނަމަވެސް އަތުގެ މައްސަލައަށް ފަރުވާ ދިނުމުގައި ޑރ އިހުމާލުވެފައިވާކަމުގައި އާއިލާއިން ތުހުމަތު ކުރެ އެވެ.

އާއިލާއިން އިތުރަށް ބުނެފައިވަނީ ކޮޓަރިއަށް ބަދަލުކުރިފަހުން ތަދު ބޮޑުވެ، ޝަކުވާ ކުރުމުން ނަރުހުން އެ ޑޮކްޓަރަށް އެތައް ފަހަރަކު ގުޅުމުންވެސް ޑޮކްޓަރު ނާންނަ ކަމަށާއި އެ ޑޮކްޓަރު ދިން އިންޖެކްޝަނެއް އައިޝަތު ގަޔަށް ޖަހާފައިވާކަމަށެވެ. އަދި އަތުގެ ތަދަށް ލުޔެއް ނުލިބުމުން ނަރުހަކު އައިޝަތުގެ އަތުގައި "ފާޑެއްގެ ޖެލްއެއް" އުނގުޅުމަށްފަހު ބެންޑޭޖްކޮށް އައިސްޕެކް އަޅާގައިވާކަމުގައިވެސް އާއިލާގެ ބަޔާނުގައި ވެ އެވެ.

އާއިލާގެ އެ ބަޔާނުގައި ބުނެފައިވާގޮތުގައި އެ ޑޮކްޓަރު ގެނެވޭތޯ އުޅުމުން އޭނާ ހުރީ އޯޕީޑީގައި ކަމަށާއި ދެވެން ނެތްކަމަށް އެންގުމުން ޑޮކްޓަރާއި ބައްދަލު ކުރަން އާއިލާ މީހަކު ދިޔަ ކަމަށެވެ. އަދި ޑރ ގެނެވުނީ އާއިލާގެ މީހާ އެ ޑޮކްޓަރު ހޯދަމުން ދިޔަ މަގުމަތީގައި އޭޑީކޭގެ ސުޕަވައިޒަރަކާ ދިމާވެގެން ޝަކުވާ ކުރުމުން ކަމަށާއި ޑޮކްޓަރު ގެނައުމުން ޑޮކްޓަރު ހިތްހަމަނުޖެހިފައި ހުރި ކަމުގައިވެސް އާއިލާއިން ބުނެފައި ވެ އެވެ.

އާއިލާއިން ބުނެފައިވަނީ ތަދު ކަނޑުވަންވެގެން ޕެނަޑޯލް ދޭން އުޅުމުން، ކިޑްނީއަށް ފަރުވާ ހޯދަމުން އަންނަ މީހަކަށްވާތީ ގިނަ ބޭސް ދިނުމުން މައްސަލައެއް ނުޖެހޭނެތޯ އާއިލާއިން ސުވާލު ކުރުމުން އާއިލާގެ އެކަކު ފިޔަވައި ދެންތިބި މީހުން އެ ކޮޓަރިން ނެރުނު ކަމަށާއި އެއަށްފަހު އައިޝަތު އެޗްޑީޔޫއަށް ބަދަލުކޮށް އަތުގެ ސްކޭނެއް ހެދިކަމަށް ބުނެފައި ވެ އެވެ.

ސްކޭނަށް ޑރ ބެލުމަށްފަހު، ކެނިއުލާ ގޫޅާފައި އޮތީ ނާރުގެ ބަދަލުގައި މަސްގަނޑަށް ކަމަށް ބުނި ކަމަށާއި އެހެންކަމުން އެންޓި ބަޔޯޓިކްތަކާއި އައިވީތައް މަސްގަނޑަށް ގޮސްފައިވާކަމަށާއި އަތް މައްޗަށް ނަގައިގެން ބޭއްވުމުން 48 ގަޑިއިރު ތެރޭގައި ރަނގަޅުވާނެ ކަމަށް ޑރ ބުނި ކަމަށްވެސް އާއިލާއިން ބުނެފައި ވެ އެވެ.

އަދި އެއަށްފަހު އަތަށް ލުޔެއް ނުލިބުމުން ޑރ ބަދަލުކޮށްދޭން އެދުމުން ދެން ހަވާލުވި ޑރ ގެ ބަޔާނުގައިވާގޮތުން އިނގިލިތަކުގެ ހަރަކާތްތައް ކުޑަވާތީ އޮޕަރޭޝަނއް ކުރުމަށް ޖެހުނު ކަމަށާއި ނަމަވެސް އޭޑީކޭއިން އިތުރު ފަރުވާއެއް ހޯދަން އައިޝަތު ދެކޮޅު ހެދި ކަމުގައިވެސް އާއިލާގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުގައި އައިޝަތު ބޭރަށް ގެންދަން ޓިކެޓު ނެގި ނަމަވެސް އަތުގެ ވިންދު މާބޮޑަށް ދަށްވުމުން ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހުނެވެ. އަދި ރޭގަނޑު 12:30 ހާއިރު ކުރަން ފެށި އޮޕަރޭޝަން ނިމުނީ އަނެއް ދުވަހު ހެނދުނު 06:30 ގައި ކަމަށާއި ކަންކަން ރަނގަޅަށް ދިޔަ ކަމަށް ޑރ ބުނި ކަމަށްވެސް އާއިލާއިންބުނެފައި ވެ އެވެ.

އާއިލާގެ ބަޔާނުގައި ބުނެފައިވާގޮތުގައި އޭގެ ދޮޅު ގަޑިއިރު ފަހުން ތިއޭޓަރު އައިޝަތު ނެރުނު އިރު ލޯމަތީގައި ޓޭޕްކޮޅެއް އަޅާފައި ހުއްޓެވެ. އާއިލާއިން ބުނެފައިވަނީ އެ އޮޕަރޭޝަންގެ ތެރޭގައި އައިޝަތު މަރުވެފައިވާކަމަށާއި އެވާހަކަ ޑޮކްޓަރު ކައިރީ ފަހުންބުނުމުން ޑޮކްޓަރުން ވަނީ އިސް ޖަހާފައި ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "މަންމަ މަންމަ ނިޔާވުމުގައި ޑޮކްޓަރުންގެ އިހުމާލުކަމަށް އައިލާ އިން ގަބޫލުކުރަނީ އައިސީޔޫގައި ތިބި ނަރުސް ކުދިންނާއި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާ ސުވާލުކުރުމުން، އެ މީހުންގެ އިހުމާލް މިކަމުގައި ވާ ކަމަށް ވަނީ އިއުތިރާވެފައި" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް