ތިރީގައި މި ހިމާނާލަނީ އިސްލާމީ ތާރީޙުގެ ތެރެއިން ރޯދަމަހުގެ ފަސް ވަނަ ދުވަހު ހިނގާފައިވާ ބައެއް ކަންކަމެވެ.
އަބްދު އަލް ރަޙުމާން 1 އުފަންވެވަޑައިގަތުން
ރޯދަމަހުގެ ފަސް ވަނަ ދުވަހަކީ މުސްލިމު ދަރިކޮޅެއްގެ ފެށުން ކަމުގައިވާ އަބްދު އަލް ރަޙުމާން އުފަންވެވަޑައިގަތް ދުވަހެވެ. އެއީ ހިޖުރައިން 113 ވަނަ އަހަރު އެވެ. އަބްދު އަލް ރަޙުމާން މަޝްޙޫރުވެފައިވަނީ ސަޤީރް ޤުރައިޝް (ޤުރައިޝުންގެ ބާޒު) ގެ ނަމުންނެވެ. އެކަލޭގެފާނަށް އެ ނަން ދެއްވީ އައްބާސީ ދަޢުލަތުގެ ދެވަނަ ޙަލީފާ އަބޫ ޖައްފާރު އަލް މަންސޫރު އެވެ. އެ ނަން އެކަލޭގެފާނަށް ދެވުނީ ސިޔާސީ މައިދާނުގައި އެކަލޭގެފާނު އޭރު ވަރަށް ފާހަގަކޮށްލެވޭ، ވަރުގަދަ ޝަޙުސިއްޔަތަކަށް ވުމުންނެވެ.
އަބްދު ރަޙުމާންގެފާނު އުޅެ ބޮޑުވީ އުމައްޔަތް ދަޢުލަތުގެ ދުވަސްވަރު ސީރިޔާގެ ވެރިރަށް ޑެމޭސްކަސްގަ އެވެ. އުމައްޔިތުގެ ދަޢުލަތް ނިމިދިއުމުން އަބްދު ރަޙްމާނުގެފާނު އެކި ޤައުމުތަކަށް ދަތުރުކުރައްވަން ފެއްޓެވި އެވެ. އެ ދަތުރު މަތީގައި އެކަލޭގެފާނުގެ އަމިއްލަ ވަރުގަދަ ލަޝްކަރެއް ޤާއިމްކުރި އެވެ. އަދި އެ ލަޝްކާރާއެކު އަންދަލުސްއަށް ޙިޖުރައިން 138 ގައި ވަދެވަޑައިގެން އަންދަލުސް ފަތަޙަކުރި އެވެ. އުމައްޔިތު ދަޢުލަތާއި، ބަރުބަސްގެ މީހުން އަންދަލުސް ފަތަޙަކުރުމުގައި އެކަލޭގެފާނާއެކު ބައިވެރިވެވަޑައިގަތެވެ.
ލީބިއާ އަދި އިޓަލީގެ ކޮލޮނިއަލް ބާރާއި ދެމެދު ހަނގުރާމާ ފެށުން
ހިޖުރައިން 1342 ވަނަ އަހަރުގެ ރޯދަމަހުގެ ފަސް ވަނަ ދުވަހަކީ ލީބިއާގެ މީހުނާއި، އިޓަލީގެ ކޮލޮނިއަލް ބާރާއި ދެމެދު ތޮބްރޫކްގެ ދެކުނުގައި ކުރި ހަނގުރާމާ ފެށުނު ދުވަހެވެ. އެއީ މީލާދީން 23 އޭޕްރީލް 1923 ގައި އެވެ.
އެ ހަނގުރާމަ ފެށުނީ އުމަރު މުޙުތާރު މިޞްރުން އަނބުރާ އައިސް ލީބިއާގެ ބޯޑަރު ހުރަސްކުރުމުންނެވެ. އުމަރު މުޙުތާރު ބޯޑަރު ހުރަސްކުރި ވަގުތު އިޓަލީގެ ކޮލޮނިއަލް ބާރުގެ ހަތް އުޅަނދަކުން ދިން ކުއްލި ޙަމަލާއާއެކު ލީބިޔާގެ ސިފައިންނަށްވެސް ހާނިކަވުމުން ހަނގުރާމަ ފެށުނީ އެވެ.
އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ބޮޑު ގަތުލުއާންމެއް ފެށުން
ހިޖުރައިން 1367 އަހަރުގެ ރޯދަމަހުގެ ފަސް ވަނަ ދުވަހަކީ އިޒުރޭލުގެ ކޮމާންޑު ޔުނިޓް މޮޝޭ ދަޔާންގެ ސިފައިން ފަލަސްތީނުގައި ބޮޑު ޤަތުލުއާންމެއް ފެށި ދުވަހެވެ. އެ ޤަތުލުއާންމު ހިންގީ ފަލަސްތީނުގެ ލިއްދާ ސިޓީގައި އެވެ. އެއީ މީލާދީން 11 ޖުލައި 1948 ވަނަ އަހަރު އެވެ.
ވައިގެމަގުން ހަމަލާދީގެން ހިންގި އެ ޤަތުލުއާންމުގައި 426 ޢަރަބިން މަރާލާފައިވެ އެވެ. އަދި އިޒުރޭލުގެ ސިފައިންނާއި ދެކޮޅަށް ފަލަސްތީނުގެ ސިފައިން ދިން ރައްދުގެ ޙަމަލާގައި 60 އިޒުރޭލީ ސިފައިން މަރާލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް