އަޅުގަނޑުމެންނަށް އިސްލާމްދީން ލިބިފައިވަނީ އެއްވެސް ބުރައަކާ ނުލާކަމަށާއި، އެހެންކަމުން ﷲ ތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ދަރުމަ ކުރައްވާފައިމިވާ މަތިވެރި ނިޢުމަތް ވަޒަންކޮށް، އެނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން އެއިލާހުގެ ދީނުގައި ފުރިހަމައަށް ހިފަހައްޓައި، މާތްނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މަތިވެރި ސުންނަތުގައި ސާބިތުވެ ތިބެން ޖެހޭކަމަށް އައްޝައިޚް ޢަބްދުއްސަލާމް ބިން ދާޥޫދު ވިދާޅުވެއްގެއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ގެނެސްދޭ 'ދަލާއިލް' ޕްރޮގްރާމުގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ އަޅުގަނޑުމެންނަކީ އަޅުގަނޑުމެން އަމިއްލައަށް އުފުލި އެއްވެސް ބުރައަކާއިނުލާ މައިންބަފައިންގެ ކިބައިން ވާރުތައިން އިސްލާމްދީން ލިބިފައިވާ ބައެއްކަމަށެވެ.
https://www.youtube.com/watch?v=Pi6MKFZ5oxw
"މިއަދު އަޅުގަނޑުމެން ދިވެހި މުސްލިމުން ހަނދާން ކޮށްލަން ޖެހޭކަމަކީ އަޅުގަނޑުމެންނަކީ އަޅުގަނޑުމެން އަމިއްލައަށް އުފުލި އެއްވެސް ބުރައަކާއިނުލާ މައިންބަފައިންގެ ކިބައިން ވާރުތައިން އިސްލާމްދީން ލިބިފައިވާ ބައެއް. އަޅުގަނޑުމެން އޮހޮރި ދަލެއް، އޮހޮރި ލެއެއް އަދި އުފުލި ކަނޑިއެއް، އުފުލި ވޭނެއް ނެތް. އެހެންކަމުން ﷲ ތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ދަރުމަ ކުރައްވާފައިމިވާ މަތިވެރި ނިޢުމަތް ވަޒަންކޮށް، އެނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން އެއިލާހުގެ ދީނުގައި ފުރިހަމައަށް ހިފަހައްޓައި، މާތްނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ސުންނަތުގައި ސާބިތުވެ ތިބެންޖެހޭ." ޝައިޚް ވިދާޅުވިއެވެ.
ފުރުޤާން މިސްކިތުގައި ކޮންމެދުވަހެއްގެ ޢަޞްރު ނަމާދަށްފަހު ކުރިއަށްދާ ދީނީ ކުރު ނަޞޭޙަތްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ޢިލްމުވެރިންގެ ކިބައިން ޢިލްމު އުނގެނިގެން މައްސަލަތަކުގެ ޙައްލު ހޯދުމަށް މަސައްކަތް ކުރީމަ އާޚިރުގައި ތިމާ ސާބިތުވެ ހުރުމުގެ މަގު ފަހިވެގެންދާނެކަމަށެވެ.
"ޢިލްމުވެރިންނާއެކު ވަގުތު ހޭދަ ކުރައްވާ. އަބަދުވެސް ޢިލްމުވެރިންގެ ކިބައިން ޢިލްމު އުނގެނިގެން މައްސަލަތަކުގެ ޙައްލު ހޯދުމަށް މަސައްކަތް ކުރީމަ އާޚިރުގައި ތިމާ ސާބިތުވެ ހުރުމުގެ މަގު ތިމާއަށް ފަހިވެގެންދާނެ އަދި ތިމާ މަގު ގެއްލިގެން ނުދާނެ" އައްޝައިޚް ޢަބްދުއްސަލާމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް