އަޖޭ އާއި ކާޖޮލްގެ އާއިލާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ނ. އަތޮޅުގައި

ބޮލީވުޑްގެ ސުޕާ ސްޓާ އަޖޭ ދޭވްގަންގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނީ ނ. މެދުފަރުގައި ހަދާފައި އޮންނަ ސޮނޭވާ ގަނި ގައި އެވެ. އަޖޭ އާއި އެކު މި ދަތުރުގައި އަންހެނުން ކާޖޮލް ދޭވްގަން އަދި ދެ ...

31 May 2017 | 08:57

ބޮލީވުޑްގެ ސުޕާ ސްޓާ އަޖޭ ދޭވްގަންގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނީ ނ. މެދުފަރުގައި ހަދާފައި އޮންނަ ސޮނޭވާ ގަނި ގައި އެވެ.

އަޖޭ އާއި އެކު މި ދަތުރުގައި އަންހެނުން ކާޖޮލް ދޭވްގަން އަދި ދެ ކުދިން ކަމަށްވާ ނީސާ އާއި ޔަގް ބައިވެރިވެ އެވެ. އަދި އަޖޭގެ ކޮއްކޮމެން ކަމަށްވާ ނީލަމް އާއި ކަވީތާގެ އާއިލާ މި ދަތުރުގައި ބައިވެރިވެ އެވެ.

އަޖޭ އާއި ކާޖޮލް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ނަގާފައިވާ ހިތްގައިމު ފޮޓޯތައް އިންސްޓަގްރާމް ކުރަމުންނެވެ. އެ ފޮޓޯތަކުގައި އަޖޭ ޖަހާފައިވަނީ "ވިޓަމިން އެފް ފެމިލީ" މިހެންނެވެ. އަދި ކާޖޮލް ވަނީ ސާފު އުޑުމަތި  ފެންނަ ގޮތަކަށް ކަމަށް ބުނެ ހިތް ގައިމު ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައި އެވެ.

އަޖޭގެ އާއިލާ ރާއްޖެއަށް ޗުއްޓީއަށް އައީ މިމަހުގެ 28 ގައި އެވެ. އަދި 10 ވަރަކަށް ދުވަސް ރާއްޖޭގައި ހޭދަ ކުރާނެ ކަމަށް ވެ އެވެ.

ދާދިފަހުން އަޖޭ ވަނީ މެދުކެނޑުމެން ނެތި ފަސް މަސްވަންދެން މަސައްކަތް ކުރުމުން ޗުއްޓީއެއް ބޭނުންވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ. އަޖޭ ޗުއްޓީއަށް ރާއްޖެ އައިސްފަ މިވަނީ “ގޯލްމާލް އަގެއިން” ގެ މަސައްކަތް ނިންމާލުމަށް ފަހު އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައި ބުނާގޮތުން ރާއްޖެ އަކީ މިހާރު ބޮލިވުޑް ތަރިންގެ މެދުގައި ޗުއްޓީ ހޭދަ ކުރުމަށް އެންމެ މަގުބޫލު އެއް މަންޒިލެވެ. އެއީ ފަހަކަށް އައިސް ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަ ތަރިން ގިނަވުމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ބޮލީވުޑް ތަރިންގެ ތެރޭގައި ސަލްމާން ހާން އާއި އޭނާގެ އާއިލާ، އާލިއާ ބަޓް އާއި އާއިލާގެ އިތުރުން މަޝްހޫރު ޑައިރެކްޓަރު ފަރާ ހާން އާއި ކުދިން ހިމެނެ އެވެ. އެމީހުން ވަނީ ރާއްޖޭގެ ރީތި ކަމަށް ވަރަށް ތައުރީފުކޮށްފައ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް