ސާފް އެކްސެލް ޕާކިސްތާނުން ކޮންމެ ރަމަޟާން މަހަކަށް ހާއްސަ ވީޑިއޯއެއް އާއްމު ކުރެ އެވެ. ނިމިދިޔަ އަހަރުވެސް އާއްމު ކުރި އެވެ. އެ ވީޑިއޯ ވާނީ ދުވަހުގެ ކިޔުންތެރީންނާއި ހިއްސާވެސް ކޮށްފަ އެވެ.
މިއަހަރުވެސް ސާފް އެކްސެލްއިން މިވަނީ ރޯދަމަހަށް ހާއްސަ ވީޑިއޯއެއް އާއްމު ކޮށްފަ އެވެ. ކުރީ އަހަރުގެ ވީޑިއޯހާ އަސަރުގަދަ އެވެ.
ވީޑިއޯއިން ފެންނަނީ އަންހެނަކު އޭނާގެ ފިރިހެން ދަރިފުޅަށް ހާރުކާން ގޮވާ މަންޒަރެވެ. ހާރުކާން އެ ކުޑަކުއްޖާ ތެދުވެ އެވެ. އަދި ކުޑަދޮރުން ބޭރުބަލާން ހުރެ އެވެ. އަވަށުގެ މީހުން ހާރުކާން ތެދުވެފައި ގެތައް ދިއްލާ މަންޒަރަށް ބަލާން އެކުއްޖާ ހުރެ އެވެ. ނަމަވެސް އެއް ގެއެއް ނުދިއްލާ ހުރުމުން އެ ކުއްޖާ ގެއިން ނިކުމެ ދުއްވައި ގަނެ އެވެ.
ދުވެފައި ގޮސް އެގެއަށް ވަންނަން ބެލި އިރު ގޭޓުގައި ހުރީ ތަޅުލާފަ އެވެ. ގޭޓުމަތީންވެސް އެރޭގޮތެއްނުވުމުން އެ ކުއްޖާ އެ ގެއަށް ވަނުމަށް ހިޔާރުކުރީ ގޭޓު ދަށުން ކޮނެގެންނެވެ. ގޭގެ ގޯތި ތެރެއަށްވަދެ ގޭތެރޭގައި ހުޅުވާފައި ހުރި ކުޑަދޮރަކުން އެ ކުއްޖާ އެތެރެއަށް ވަންނަނީ ހަންބުރިއެއް ބަހައްޓައިގެންނެވެ.
އެ ކުއްޖާ އެ ގޭތެރެއަށް ވަންނައިރު ލައިގެން ހުރި ހުދު ކުލައިގެ ކުރުތާ ވަނީ މުޅިން ހަޑިވެފަ އެވެ. އެގޭތެރޭގައި އުމުރުން ދުވަސްވީ މީހަކު ނިދާފައި އޮންނަ މަންޒަރު ދައްކަ އެވެ. އެލާމް ގަޑި އެލާމްވަމުން ދެ އެވެ. ނަމަވެސް އުމުރުން ދުވަސްވީ އެމީހާ ނިދާފައި އޮންނަނީ އަޑުއެހުމަށް ބޭނުންކުރާ އިއަރޕީސް ކަންފަތަށް ނުޖަހަ އެވެ. މޭޒެއްގެ މަތިން އެ ކުއްޖާ އެ އިއަރޕީސް ނެގުމަށްފަހު އުމުރުން ދުވަސްވީ މީހާ ކަންފަތުގައި ޖަހައެވެ. އިސާހިތަކު އެ މީހާ ނިދިން ހޭލަ އެވެ. ހޭލުމުން އެކުއްޖާ ބުނެ އެވެ. "ހާރު ނުކައި ރޯދައަށް ހުންނާނީ ކިހިނެއް ހެއްޔެވެ؟"
އެ މީހާ ތައްޓެއް ނެގުމަށްފަހު ތަށި ބަލައިލިއިރު އޭގައި ކާނެ އެއްވެސް އެއްޗެއް ނެތުމުން އެއްކަލަ ކުޑަކުއްޖާ ޖީބުން ކަދުރުކޮޅެއް ނަގައި އެމީހާއަށް ދެއެވެ. އަދި އެމީހާ ރޯންފެށުމުން ތި ރޮނީ ކިއްވެހޭ ބުނެ ފަރާޓާވެސް ގެނައިމޭ ބުނެ އެމީހާއަށް ފަރާޓާ ދެ އެވެ.
އިސްތިހާރު ނިންމާ މަންޒަރުން ދައްކަނީ އެ ކުއްޖާ އެނބުރި ގެއަށްގޮސް މަންމައަށް ނުފެނި ގެއަށް ވަންނާން އުޅޭ މަންޒަރެވެ. ނުފެނި ވަންނާން އުޅެނީ ލައިގެން ހުރި ކުރުތާ ހަޑިވެފައި ހުރުމުންކަމުގައި ދައްކަ އެވެ. އެހިނދު އޭނާގެ މަންމަ ގޭތެރޭގައި ގޮނޑިއެއްގައި އިނދެފައި ބުނެ އެވެ. ދަރިފުޅާ އެވެ. މާދަމާ ރޯދަވީއްލަން އެ ބޭބެއަށް ދައުވަތު ދޭށެވެ.
އިސްތިހާރު ނިންމާލަނީ ވަރުގަދަ މެސެޖަކުންނެވެ.. އެ މެސެޖުގައި ބުނަނީ އެހެން މީހަކަށް އެހީވުމުގައި އުޅެނިކޮށް ހަޑިވިޔަސް އެއީ ހަޑިއެއް ނޫން ކަމަށެވެ. އެއީ ރީއްޗެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް