އެކިގޮތްގޮތުން އިހުމާލުވުމުގެ 272 މައްސަލައެއް މިދިޔަ އެޕްރީލް މަހު ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 122 މައްސަލަ ހުށަހެޅުނެވެ. ޖިސްމާނީ އަނިޔާގެ 37 މައްސަލައެއް ހުށަހެޅުނު އިރު އޭގެ ތެރެއިން 21 މައްސަލަ އަކީ ފިރިހެން ކުދިންނަށް ޖިސްމާނީ އަނިޔާކޮށްގެން ކޮށްފައިވާ ރިޕޯޓުތަކެވެ. އިހުމާލުވުމުގެ 33 މައްސަލަ، ޖިންސީ އަނިޔާގެ 25 މައްސަލަ އަދި ނަފްސާނީ އަނިޔާގެ 17 މައްސަލައިގެ އިތުރުން ހަނގާ ކުރުމުގެ އަށް މައްސަލައެއް ހުށަހެޅުނެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެކި ބާވަތްތަކުގެ ކުށްކޮށްގެން 15 މައްސަލައެއް ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހެޅުނު ކަމަށެވެ. އަދި ކުޑަކުދިންގެ އަހުލާގާއި ގުޅޭ 17 މައްސަލައެއް ހުށަހެޅުނު ކަމަށެވެ. ކުދަކުދިން ތައުލީމާއި ސިއްހީ ފަރުވާއިން މަހުރޫމުކޮށްގެން ތިން މައްސަލައެއް މިދިޔަ މަހު ހުށަހެޅުނެވެ.
މީގެ އިތުރުން މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީ އުމުރުގެ މީހުންނަށް އިހުމާލުވުމާއި ގުޅޭ 21 މައްސަލަ ހިމެނެ އެވެ. އޭގެ ތެރެއިން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ އަށް މައްސަލަ ހިމެނޭއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހުމާލުވުމުގެ 13 މައްސަލަ ހިމެނެ އެވެ.
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޠާގެ ގޮތުގައި 47 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 15 މައްސަލައެއް ހުށަހެޅުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް