ލޯންޗް އެކްސިޑެންޓްގައި 14 މީހުން ޒަހަމްވެ ބައެއް މީހުން ސީރިއަސް ހާލަތުގައި

ރީތި ރަށް ރިސޯޓް ކައިރީގައި ރޭ ހިނގި ނުރައްކާތެރި ލޯންޗް އެކްސިޑެންޓްގައި 14 މީހަކު ޒަހަމްވެ ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސަމާ އައިލެންޑް ރިސޯޓުން ފ...

31 May 2017 | 00:25

ރީތި ރަށް ރިސޯޓް ކައިރީގައި ރޭ ހިނގި ނުރައްކާތެރި ލޯންޗް އެކްސިޑެންޓްގައި 14 މީހަކު ޒަހަމްވެ ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރުކުރި ލޯންޗެއް ރީތި ރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގައި ޖެހިގެންނެވެ.

އެ އެކްސިޑެންޓްގައި ޒަހަމްވި 14 މީހަކު މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެމުން އަންނައިރު ޒަހަމްވި އެންމެންނަކީވެސް ސަމާ އައިލެންޑް ރިސޯޓްގެ މުވައްޒަފުންނެވެ. ބިދޭސީ ދެމީހަކުވެސް ހިމެނެ އެވެ.

ޒަހަމްވި ފަރާތްތަކަށް އޭޑީކޭގައި ފަރުވާ ދެމުން އަންނައިރު މީޑީއާތަކަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. ހަތަރު މީހަކަށް އިމަޖެންސީގައި އަދި ހަތް މީހަކަށް އޮބްޒަވޭޝަންގައި ފަރުވާ ދެމުން އަންނަ ކަމުގައިވެސް އައްފާލް ވިދާޅުވި އެވެ.

ބައެއް މީޑީއާތަކަށް މައުލޫމާތު ދެމުން ސަމާ އައިލެންޑްގެ ބައެއް މުވައްޒަފުން ބުނެފައިވަނީ ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ސަމާ އައިލެންޑްގެ ހަތަރު ސެކްޝަނެއްގެ މެނޭޖަރުންވެސް ހިމެނޭ ކަމަށާއި ބައެއް މީހުންނަށް ބޮޑެތި އަނިޔާވެފައި އެބަހުރި ކަމަށެވެ. އެގޮތުން ބުމަ ފަޅައިގެން ދިއުމާއި ހުޅުނެއްޓުންފަދަ ބޮޑެތި އަނިޔާތައް ބައެއް މީހުންނަށް ވެފައިވާކަމުގައި ބައެއް މުވައްޒަފުން ބުނެފައި ވެ އެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ލޯންޗްގައި ދޯނި ޖެހުނު އިރު ދޯނީގެ ލައިޓް ހުރީ ނުދިއްލަ އެވެ. ދޯނީގައި ލޯންޗް ގޮސް ޖެހުނީ ލޯންޗް ކެޕްޓަނަށް ދޯނި ނުފެނުމުން ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް