ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން ސީރިއާގައި ހަނގުރާމަކުރަމުން ދިޔަ ދެ ދިވެއްސަކު އިއްޔެ މަރުވެއްޖެ އެވެ.
މައުލޫމަތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން މަރުވެފައި ވަނީ ސީރިއާގެ އިރުއުތުރު ބިތުގައި އޮންނަ ހަސާކާ ސިޓީގައި އައިއެސްގެ ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިންނާ ދެމެދު ބަދަލުކުރި ހަމަލާތަކެއްގަ އެވެ. ނަމަވެސް ކޮންދެމީހުންނެތް ކަމެއް ނޭނގެ އެވެ.
ދެ ދިވެހިން މަރުވި އެ ހަމަލާތައް ހިމެނެނީ ހަސާކާ ހިފުމަށް އައިއެސް އިން އިއްޔެ ފެށި ހާއްސަ އޮޕަރޭޝަންގެ ތެރޭގަ އެވެ. ސަރުކާރު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިންގެ މެދުގައި ކޮންޓްރޯލް ބެހިފައިވާ އެ ސިޓީ ހިފުމަށް އައިއެސް އިން ހަމަލާ ދޭން ފެށީ، ހަނގުރާމަވެރިންގެ ޖަމާއަތްތަކުން ބުނެފައިވާ ގޮތުގައި އިއްޔެ ހެނދުނު އެވެ.
ސީރިއާގެ ގައުމީ ޓީވީން މިއަދު ބުނި ގޮތުގައި ހަސާކާ ހިފުމަށް އައިއެސް އިން ފެށި އޮޕަރޭޝަން ވަނީ ނާކާމިޔާބުކޮށްލާފަ އެވެ.
ސީރިއާ އާއި އެ ނޫން ވެސް ބައެއް ގައުމުތަކުގައި ހަނގުރާމަކުރުމަށް ދާ ދިވެހިންގެ އަދަދު ވަނީ މި ފަހުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި އާއިލާ ގޮވައިގެން ދާ މީހުން ވެސް ހިމެނޭއިރު، ގިނަ އަދަދެއްގެ ދިވެހިން ސީރިއާގައި މަރުވެފައި ވެސް ވެ އެވެ.
އެހެން ނަމަވެސް، މީގެ ކުރިން ސީރިއާ އަށް ދާ ދިވެހިން އާއްމުކޮށް ގުޅެނީ އަލްގައިދާއާ ގުޅުން އޮންނަ އައްނުސްރާ ޖަމާއަތާ އެވެ. އެ ޖަމާއަތާ ދެކޮޅަށް ވެސް ހަނގުރާމަ އިއުލާންކޮށްފައިވާ އައިއެސްއާ ދިވެހިން ގުޅިގެން އުޅޭކަން އެންމެ ފުރަތަމަ ހާމަވީ މި މަހު ކުރީކޮޅު އެވެ. އެއީ އައިއެސްއާ ގުޅިގެން އިރާގުގައި ހަނގުރާމަކުރަމުން ދިޔަ ދިވެއްސަކު ކުރި ކުށަކަށް އަދަބު ދިނުމަށް، އުސް އިމާރާތެއްގެ މަތިން ވައްޓާލައި މަރާލާފައިވާ ހަބަރު އާންމު ވުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް