އިމްރާނާއި އަމީން އަދި ސޮބާހުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި އެ މުޒާހަރާތަކުގައި އިސްކޮ...

31 May 2015 | 09:55

މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި އެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ތިން ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވީ މިއަދު އެވެ. ނަމަވެސް ޕީޖީ އޮފީހާއި ކްރިމިނަލް ކޯޓުން މިމައްސަލާގައި އެއްޗެއް އަދި ނުބުނެ އެވެ.

ޓެރަރިޒަމްގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މުޒާހަރާއި ގުޅިގެން އިމްރާނާއި އަމީނާއި އަދި ސޮބާހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އަލީ ވަހީދުގެ މައްސަލައިގައި ދައުވާކުރުމާއި މެދު ޕީޖީ އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް އެނގިފައިވެ އެވެ.

ފުލުހުން މި ހަތަރު ބޭފުޅުން ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމިނަށާއި ސަރުކާރުގެ އިސްވެރިންނަށް އަނިޔާވެރިވުމަށާއި ދައުލަތުގެ ތަންތަނަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގަ އެވެ. އަދި މޭޑޭގެ މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކަކީ މި ބޭފުޅުން އެ ދުވަހު ދެއްކެވި ވާހަކަތަކުގެ ނަތީޖާ ކަމަށްވެސް ކަމާއި ގުޅުންހުރި މުއައްސަސާތަކުން ބުނެ އެވެ.

އެމަނިކުފާނުގެ އިސްތަށިފުޅުގައި ސާބިތު ނުހިފޭ ބޮޑު އިލްޒާމެއް އަޅުވާފައިވާ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާންގެ މައްޗަށް ޖިނާއީ ދައުވާ ކުރައްވާނެ ކަމުގައިވެސް ރައީސް އަބްދުﷲ ޔާމިން ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ނަޝީދުވެސް ގެންދަވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް