ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ، ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ފާރިސް މައުމޫންގެ ކެމްޕެއިނަށް ރައީސް އަބްދުﷲ ޔާމީން މިއަދު މ. އަތޮޅަށް ވަޑައިގެންފި އެވެ.
ޕީޕީއެމްއިން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ދިއްގަރު ދާއިރާގެ ތިން ރަށަށް ވަޑައިގެންނަވާނެ ކަމަށެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ދިއްގަރަށެވެ. މިއަދު ހަވީރު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ، ދިއްގަރު ދާއިރާގައި ހިމެނޭ މަޑުއްވަރި އަދި މުއްޔަށް ވެސް ދަތުރުފުޅު ކުރެއްވުމަށް ފަހު ކަމަށް އެ ޕާޓީން ބުނެ އެވެ.
އެ ތިން ރަށުގެ އިތުރުން، ދިއްގަރު ދާއިރާގައި ހިމެނެނީ ރަތްމަންދޫ އާއި ވޭވަށެވެ. އެ ރަށްރަށަކަށް ރައީސް ވަޑައިގެންނަވާކަމެއް އެނގިފައެއް ނުވެ އެވެ.
ޕީޕީއެމްގެ ބައެއް މަޖިލީސް މެންބަރުން ގެންދަވަނީ އެ ދާއިރާގެ ބައެއް ރަށްރަށަށް އަގުބޮޑެތި އެއްޗެހި ކެމްޕެއިނާއި ދިމާކޮށް ހަދިޔާ ކުރައްވަމުންނެވެ. އެގޮތުން ދިއްގަރާއި މަޑޫއްވަރީގެ އިތުރުން މުލީގެ މިސްކިތްތައް އޭސީ ކޮށްދޭންވެސް ވަނީ ނިންމާފަ އެވެ.
މިއީ ފާރިސްގެ ކެމްޕެއިނުގައި ރައީސް ޔާމީން އެ ދާއިރާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސަައިން ޝަރީފްގެ އިތުރުން ޕީޕީއެމްގެ ގާތްގަނޑަކަށް 25 މަޖިލިސް މެމްބަރުންނާއި ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް