ކުރީގެ ފިރިމީހާ ގަޔަށް ވަޅި ހަރައި މަރާލުމުގެ ކުށް ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާ، ،21 ގެ މައްޗަށް ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދު ކޮށްފި އެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ނަޒާހާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމްކުރީ އޯގަސްޓް 7، 2011ގަ އެވެ.
ނަޒާހާގެ ހަމާލާގައި މަރުވި މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު)ގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ނޫނީ އެންމެން ވަނީ ނަޒާހާގެ ކިބައިން މަރުގެ ދިޔަ ވެސް އަދި މަރަށް މަރު ވެސް ހިފަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ ކޯޓުން ހުކުމްކޮށްފައިވަނީ އޭނާ އުމުރަށް ޖަލަށް ލުމަށެވެ.
ޝާޑުގެ މަރުގެ މައްސަލާގައި ބޭނުންވަނީ ކޮން ގޮތެއްތޯ ގާޒީ ސުވާލުކުރެއްވުމުން ޝާޑުގެ މަންމަ ހަފީޒާ ހަސަން ބުނެފައި ވަނީ "އެއްވެސް ގޮތެއް ބޭނުން ނޫން" ކަމަށެވެ. އަދި އެއީ ކުޑަކުޑަ ކުއްޖެއްގެ މަންމަ އަށް ވުމުން ކަމަށް ހަފީޒާ ބުނެފައިވެ އެވެ.
ޖޫން ،22 2010 ގައި ޝާޑު، ،34 ގެ ބުރަކައްޓަށް ނަޒާހާ ވަޅި ހަރައި މަރާލާފައި ވަނީ ނަޒާހާ އުޅޭ ހ. ބައިކަނޑިގޭ ކޮޓަރިއެއްގެ ތެރޭގަ އެވެ. ޝާޑު މަރުވެފައި ވަނީ ހަމަލާ ދިންތާ ގަޑިއެއްހާއިރު ފަހުން އެ ދުވަހުގެ ހަވީރު 3:30 ހާއިރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް