ފިޠުރު ޢީދު ފާހަގަ ކުރުމުގެ ގޮތުން މަންފާ އަދި އެޗް.ޑީ.ސީ ގުޅިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ހަވީރު ބޭއްވި ޢީދު ފެސްޓިވަލް ވަރަށް ކާމިޔާބު ކަމުގައި މަންފާ ޖަމުޢިއްޔާއިން ބުނެފިއެވެ.
އެތައް ހާސް ބަޔަކު ހާޒިރުވި އެ ފެސްޓިވަލުގައި ކުޑަކުދިންނާ ގުޅޭ ވަރަށްގިނަ ޙަރަކާތްތަކެއް ކުރިއަށް ދިޔައެވެ. ކުރިއަށް ދިޔަ ބައެއް ޙަރަކާތްތަކުގެ ތެރޭގައި ފޭސްޕެއިންޓިން، ރިންގްޓޮސް، ޖަމްޕް އެންޑް ޕްލޭ، ރޭސިން ކާސް ޑެމޯ، ޕޮލިސްކިޑްސް ޝޯ، ހީނާ، އެރޭންޖިންގ ކަލާ ބޯލްސް، މޭކިންގް އީދު ކާޑްސް، ހޮޕިންގް ހިމެނެއެވެ.
އަދި އިބްރާހީމް ރަމީޒް އާއެކު ކުޑަކުދިންގެ ޚާއްސަ ސްޓޭޖް ޙަރަކާތް "ރަމީޒުބެއާއެކު" ހަރަކާތްވެސް ކުރިއަށް ގެންދިޔައެވެ.
ޢީދު ފެސްޓިވަލް އާ ގުޅޭގޮތުން އެ ޖަމުޢިއްޔާގެ ރައީސް ޢަލީ ރަމީޒު ވިދާޅުވީ އިއްޔެ ކުރިއަށްގެންދިޔަ އިވެންޓަކީ ވަރަށް ކާމިޔާބު އިވެންޓެއް ކަމަށާއި އެފަދަ އިވެންޓްތައް ގިނަގިނައިން ބާއްވައިދިނުމަށް ބެލެނިވެރިންގެ ފަރާތުން އެދުނު ކަމަށެވެ.
"އަޅުގަނޑުމެންގެ މި އިވެންޓަކީ އިސްލާމީ އަޚްލާޤުގެ ތެރެއިން ކުރިއަށްދިޔަ އިވެންޓަކަށްވާތީ ވަރަށްގިނަ ބެލެނިވެރިން ތިބީ ވަރަށް އުފަލުން، ކުޑަކުދިން ވަރަށް އެންޖޯއީ ކުރި އިއްޔެ، އިބްރާހީމް ރަމީޒު ޙަރަކާތްތަކުންވެސް ވަރަށްގިނަ ކުދިންނަށް އުފާވެރިކަން ލިބިގެންދިޔަ، ވަރަށް ފުރިހަމަ އިވެންޓަކަށް މި އިވެންޓް ވެގެންދިޔައީ، އަލްޙަމްދުލިއްލާހި" އަލީ ރަމީޒް ވިދާޅުވިއެވެ.
މަންފާ އަދި އެޗް.ޑީ.ސީގުޅިގެން ބޭއްވި ޢީދުފެސްޓިވަލްގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް މަންފާ ޖަމުޢިއްޔާއިން ވަރަށްބޮޑަށް ޝުކުރު އަދާކުރެއެވެ. ޝުކުރުގެ އެ ލިސްޓުގައި މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަން، ޑްރިފްޓް އެސޯސިއޭޝަން، އުކުޅަސްހޯޕް، ޚިދުމަތް ޖަމިއްޔާ ހިމެނޭކަން މަންފާ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް