އިންސާނާއަށް ފެންނަ ގޮތުގައި ހުރިހާވެސް އެއްޗަކީ ދުނިޔެ: އިމްރާން

އިންސާނާއަށް ފެންނަ ގޮތުގައި ހުރިހާވެސް އެއްޗަކީ ދުނިޔެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ 5 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރަ...

31 Mar 2023 | 06:40

އިންސާނާއަށް ފެންނަ ގޮތުގައި ހުރިހާވެސް އެއްޗަކީ ދުނިޔެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 5 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.  "އައީ ކޮންތާކުން؟ ދާނީ ކޮންތާކަށް ؟" މި މައުޟޫޢަށް ބުރާސްފަތި ދުވަހުގެރޭ އޮތް ފޯރަމްގައި ތަޤްރީރުކުރެއްވީ ހޯމް މިނިސްޓަރގެ އިތުރުން އައްޝައިޚް ޢަބްދުﷲ ރަޝީދެވެ.

މި ތަޤްރީރު ފައްޓަވާފައިވަނީ އެހެންރޭތަކާ ޚިލާފަށް ފޯރަމްގައި ބައިވެރިންވެސް ބައިވެރިކޮށްގެން ވަރަށް ޝައުގުވެރިގޮތަކަށެވެ.

އެގޮތުން މިނިސްޓަރ އިމްރާން ވަނީ ފޯރަމްގައި ތިއްބެވި ބޭފުޅުން ލޯމެރުއްވުމަށް އެދިވަޑައިގެންނެވުމަށްފަހު އިންސާނާ ދުނިޔެއަށް އުފަންވުމަށް ކުރާ ދަތުރުން ފެށިގެން އުފަންވުމާއި، އުފަންވުމަށްފަހު މަރުވުމާ ހަމައަށް އިންސާނާގެ އުމުރުގެ އެކި ހިސާބުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވައި މަރާއި، މަރުވުމަށްފަހު ދެން އިންސާނާގެ އެ ޙަޔާތް ފެށިގެންދާގޮތާއި ސުވަރުގެ ނޫނީ ނަރަކައަށް އިންސާނާ ދިއުމާ ހަމައަށް ތަސައްވުރު ކުރެވެނޭހެން އަލިއަޅުއްވާ ލައްވާފަ އެވެ.

ވަރަށް މަދު މިނެޓް ކޮޅެއްގެ ތެރޭގައި އިންސާނާގެ މުޅި ހަޔާތް ތަސައްވުރު ކޮށްދެއްވުމަށްފަހު މިނިސްޓަރ އިމްރާން ވިދާޅުވީ މިއީ އަޅުގަނޑުމެންގެ އުމުރުގެ ކުރުކަން ހާމަކޮށްދޭ ކަމެއް ކަމަށާއި އުމުރަކީ ވަރަށް ކުރު ދަތުރެއް ކަމަށެވެ.

އެހެންނަމަވެސް އިންސާނާއަށް ފެންނަނީ ދުނިޔެއަކީ ހުރިހާވެސް އެއްޗެއްގެ ގޮތުގައި ކަމަށާއި މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ މި ޙަޔާތުގައި އުޅެމުންދަނީ ޙަޔާތުގެ އަސްލު ހަނދާން ނައްތާލާފައި ކަމަށެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަބްދުﷲ ރަޝީދުވެސް ވަނީ އިންސާނާ އުފެދިގެން އައި ހިސާބުން ފެށިގެން މަރުވުމަށްފަހު ކަންތައް ވާގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާ ލައްވާފައެވެ.

އެގޮތުން މަރާގުޅޭ ގޮތުން ވިދާޅުވީ ކަށްވަޅުގެ އިމްތިހާނަކީ ބޮޑުވެގެންވާ އިމްތިހާނެއް ކަމަށެވެ. އިންސާނުން ކުރާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ލިއުއްވިގެންވާ ފަތް އެމީހެއްގެ އަތަށް ލިބިގެންދާހިނދު ކަންތައް ވެގެންދާ ގޮތަށްވެސް ޝައިޚް ވަނީ ބައްލަވާ ލައްވާފައެވެ. ކޮންމެ ނަފްސެއްވެސް ކުޅަ އަމަލެއްގެ ޖަޒާ އެ ނަފްސަކަށް ލިބޭނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް