ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ސްމާޓް ޕޯލާއި ސްމާޓް ބެންޗް އިފްތިތާޙްކޮށްފިއެވެ.
ސްމާޓްކޮމް ބްރޭންޑްގެ ދަށުން ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙްކުރުމަށް ސެންޓްރަލް ޕާކްގައި މިއަދު ބޭއްވި ހާއްސަ ހަފްލާގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙްކޮށްދެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރ، އައިޝަތު ނަހުލާއެވެ.
އެޗްޑީސީގެ ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަޤުސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އަދި މި ވަސީލަތްތައް ދިވެހިރާއްޖޭގެ މިމާހައުލާ ގުޅޭ މިންވަރު ބެލުމަށްފަހު މިތަކެތި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ހާާމަކުރެއެވެ.
ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމްކުރެވުނު ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީ ސިޓީއަށް އިތުރު ފުރިހަމަ ކަމާއި ރީތިކަން ގެނެސްދޭފަދަ ޒަމާނީ ގޮތަކަށް ފަރުމާ ކުރެވިފައިވާ އޮމްނިފްލޯގެ އުފެއްދުމެއް ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން މިއަދު ތައާރަފުކުރެވުނު ސްމާޓް ޕޯލް އަކީ އިރުގެ އަލި އަދި ވައިގެ ޒަރީއާއިން އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ދިއްލޭ ޕޯލްއެކެވެ.
ސްމާޓް ޕޯލް މެދުވެރިކޮށް މިފަދަ ދިއްލުންތަކުގެ ކަރަންޓު ބޭނުންކުރެވޭ މިންވަރު 90 އިންސައްތަ ކުޑަ ކުރެވިގެން ދާނެއެވެ.
އަދި ސްމާޓް ޕޯލް މެދުވެރިކޮށް އެހެނިހެން ތަފާތު ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.
މީގެތެރޭގައި، ޕަބްލިކް ވައިފައި، ސެކިއުރިޓީ ކެމެރާ، އައިއޯޓީ ސެންސަރ އަދި މުހިއްމު އާންމު މައުލޫމާތާއި، ޕަބްލިކް އެނައުންސްމެންޓްތައް ފޯރުކޮށްދެވުމުގެ އިތުރުން ޑިޖިޓަލް އިސްތިހާރުތައް ދެއްކުން ވެސް ހިމެނެއެވެ.
މީގެއިތުރުން، ކަރަންޓުގެ ހިދުމަތް ކެޑިގެންދާ ވަގުތުގައިވެސް މި ޕޯލްތަކުގައި ހިމެނިފައިވާ ބެޓެރީ ސްޓޯރޭޖްއިން ބޮކި ދިއްލުމާއި ކެމެރާ ފަދަ ޚިދުމަތް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ސްމާޓް ބެންޗް އަކީ ވެސް ސްމާޓް ސިޓީ ތަސައްވަރުގެ ދަށުން ތައާރަފްކުރެވިފައިވާ އޭގެ ޒަރީއާއިން ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭ އެއްޗެކެވެ.
މިގޮތުން އާކިޓެކްޗުރަލް ލައިޓިން، ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އަދި އިލެކްޓްރިކަލް ބައިސިކަލް އަދި ވީލްޗެއަރ ފަދަ ތަކެތީގެ ޗާރޖިންގ ސްޓޭޝަންސް މީގެތެރޭގައި ހިމެނެއެވެ.
މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވިދާޅުވީ، އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ ޖުމުލަ ގޮތެއްގައި މުޅި ސިޓީގެ ކާބަން އެމިޝަން ކުޑަކުރެވުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެކެވެ.
އަދި މީގެ ސަބަބުން ދިގު މުއްދަތުގައި ހުޅުމާލެ ފަދަ އާބާދީ ބޮޑު އަރބަން ސިޓީތަކުގެ ތިމާވެއްޓަށް ގިނަގުނަ ހެޔޮ ބަދަލުތައް އަންނާނެ ކަމުގެ ޔަޤީންކަން އަރުވާފައި ވެއެވެ.
އޮމްނިލެޑް ސްމާޓް ޕޯލްސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވި، ކަރަންޓު ބޭނުން ކުރެވޭ މިންވަރު ފުދޭވަރަކަށް ދަށްކުރެވޭކަން ކަށަވަރުކުރެވިފައެވެ. އެޗްޑީސީން ބުނީ ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ސްމާޓް ސިޓީތައް ތަރައްޤީ ކުރުމުގެ މުހިއްމު ރޯލެއް އަދާކުރާނެ ވަސީލަތްތަކެކެވެ. ތިމާވެށީގެ ރައްކާތެރިކަމަށް ބަލައިގެން ޓެކްނޮލޮޖީގެ ޒަރީއާއިން ގެނެވޭ ސްމާޓް ސިޓީ ސޮލުޝަން ތަކަކީ އިޤުތިސާދީ، އިޖުތިމާއީ، ސަސްޓެނަބަލް އަދި ކާމިޔާބު ހައްލުތަކަށް ވެގެން ދާނެ މުހިއްމު މަސައްކަތެއް ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް