ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވަރލްޑް ގަވަރންމަންޓް ސަމިޓް 2022 ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޔޫ.އޭ.އީގައި ބޭއްވި ވަރލްޑް ގަވަރންމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން މިދަތުރުފުޅުގައި ދިވެހި ސަރުކާރާއި، ޔޫ.އޭ.އީ ސަރުކާރާ ދެމެދު ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައި ވެއެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް، މަރްޔަމް ބިންތް މުޙައްމަދު ސަޢީދު ޙަރެބް އަލްމެއިރީ ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
އަދި އެ މަނިކުފާނު ވަނީ އެކްސްޕޯ 2020 ދުބާއީއަށް ޒިޔާރަތްކުރައްވައި އެކްސްޕޯގެ ރާއްޖޭގެ ޕެވިލިއަންއާ ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީ.ގެ ދުބާއީއަށް ކުރެއްވި މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް