މީގެ ދެދުވަހެއް ކުރިން ބީބީސީ ސައިޓްގައި އިން މި ސުރުޚީ ފެނުމުން ކުއްލި ޙައިރާންކަމެއް ލިބުނެވެ.
ޑޮކްޓަރީ ފަރުވާގެ އާކަންތައްތައް އަބަދުވެސް ދަނީ ފެންނަމުންނެވެ.
ނަމަވެސް އިންސާނުންގެ ޑީއެންއޭއާއި އޭނާއަށް ފަރުވާ ދެވޭ ޑްރަގާ ހުރިގުޅުން އެގިއްޖެނަމަ އެއީ ޙަޤީޤަތުގައި ވެސް ވަރަށް މުހިންމު ހޯދުމަކަށްވާނެއެވެ.
ޑޮކްޓަރަކު ކޮންމެވެސް ބޭހެއް ދީގެން މީހެއްގެ ފުރާނައަށް ނުރައްކާވަރުގެ ގެއްލުން ލިބޭކަން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި ބޭހެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ވިޔަސް ހުރިހާފަހަރެއްގައި އެއީ ބޭހުގެ ސަބަބުން ވީގެންލުމެއްކަމެއް ނޭނގިވެސް އޮވެދާނެއެވެ.
ބައެއް ބޭހަކީ އެ ބޭނުންކުރާ މީހާއަށް އެއްގޮތަކަށް ވެސް ރަނގަޅު އަސަރެއް ނުކުރާ އަދި އޭނާއަށް މަރުގެ އެތިފަހަރަކަށް ވެސް ވެދާނެއެވެ.
އެއީ އެ ބޭހެއް ނުވަތަ ޑްރަގެއް އޭނާގެ ހަށިގަނޑުގައި ރިއެކްޓްކުރާގޮތުން ވާކަމެކެވެ.
ދަ ބްރިޓިސް ފާމަކޮލޮޖިކަލް ސޮސައިޓީއާއި، ރޯޔަލް ކޮލެޖް އޮފް ފިޒިޝަންސް އެކުވެގެން ހޯދި ހޯދުން ތަކެއްގެ މައްޗަށް ބަރޯސާވެ ބުނެފައިވާގޮތުގައި ޖެނެޓިކް ޓެސްޓް ހަދައިގެން އަހަރެމެންގެ ހަށިގަނޑުގައި، ބޭހުގެ އަސަރު ކުރާނެގޮތް ދެނެގަނެވިދާނެއެވެ.
އުންމީދު ކުރެވޭގޮތުގައި އަންނަ އަހަރު އިނގިރޭސިވިލާތުގެ ޤައުމީ ޞިއްޙީ ޚިދުމަތު (NHS) ގެ ތެރެއިން މި ޓެސްޓްތައް ހެދެން ހުންނާނެއެވެ. އަޅުގަނޑުމެންގެ ޖެނެޓިކް ކޯޑް ނުވަތަ ޑީއެންއޭއަކީ އަހަރެމެންގެ ހަށިގަނޑު މަސައްކަތްކުރާގޮތް ބުނެދޭ އިންސްޓްރަކްޝަން މެނުއަލެވެ.
ބޭނުންކުރާ ޑްރަގާއި އަޅުގަނޑުމެންގެ ޑީއެންއޭ މެޗްވާގޮތް އަންގައިދޭ ގޮތް ބުނެދިނުމަށް ކިޔަނީ ފާމަކޯޖެނޯމިކްސް (pharmacogenomics) އެވެ. މިކަން ކުރިން އެނިގިފައި އޮތްނަމަ ލިވަޕޫލްގައި ދިރިއުޅޭ ޖޭން ބާންސް އަށް ބޮޑު އެހީއަކަށް ވީހެވެ.
މީނާގެ ގައިގެ ހަންގަނޑުގެ ތިންބައިކުޅަ ދެބައި ހަލާކުވެގެން ދިޔައީ އެޕިލެޕްސީ ގެ ފަރުވާއަށް ދިން އާވައްތަރެއްގެ ބޭހަކުން ކުރި ގޯސް ރިއެކްޝަނެއްގެ ސަބަބުންނެވެ. އެއީ އޭނާގެ ޢުމުރުން ނަވާރަ އަހަރުގައި (carbamazepine) ނަމަކަށް ކިޔާ ޑްރަގެއްގެ އަސަރެވެ.
ބޭސް ދިންތާ ދެ ހަފްތާ ފަހުން ބިހަތަކެއް ނަގަން ފެށިއެވެ. އޭނާގެ މައިންބަފައިން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އާދަޔާ ޚިލާފަށް ހުންގަދަވެ ވާނުވާނޭގި މޮޔަގޮވާ ހިސާބަށް ވަނީ ގޮސްފައެވެ.
ބީބީސީގެ ރިޕޯޓަރަށް ޖޭން ބުނެދިން ގޮތުގައި "އަހަރެންނަށް ހޭވެރިކަން ވީއިރު އަހަރެން އޮތީ ބްލިސްޓަރސް ގެ ކަވަރެއް ލާފައެވެ. ހީވީ ބިރުވެރި ފިލްމެއްގެ މަންޒަރެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. ނަގާ ދިލަ ހޫނުން ހީވަނީ އަލިފާންގަނޑެއްގެ ތެރޭގައި އުޅެވޭހެންނެވެ". ޖޭން ބުނެދިނެވެ.
މިހާރު ޢުމުރުން 50 އަހަރު ވެފައިވާ ޖޭން ބާންސް ބުނިގޮތުގައި ފާމަކޯޖެނޯމިކްސް ޓެސްޓް ހަދައިގެން މީހުންގެ ފުރާނަ ސަލާމަތް ކުރެވިދާނެކަން އެނގުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ގާތް ގަނޑަކަށް ކޮންމެ މީހަކަށްވެސް އަސަރު ކުރާނެ. ޖޭންގެ ތަޖުރިބާއަކީ ވަރަށް ނާދިރު ތަޖުރިބާއެއް ކަމުގައި ފެނުނަސް، ބްރިޓިޝް ފާމަރކޮލޮޖިކަލް ސޮސައިޓީގެ މިހާރުގެ ރައީސް ޕްރޮފެސަރ މާރކް ކޯލްފީލްޑް ވިދާޅުވާގޮތުގައި، އަޅުގަނޑުމެންގެ ތެރެއިން %99.5 މީހުންގެ ޖެނެޓިކް ކޯޑުގެ ކުޑަ ތަފާތެއްގެ ސަބަބުން ވެސް ބޭހުގެ ރަނގަޅު އަސަރެއް ނުކުރާނެއެވެ.
ނުވަތަ އެ ބޭހުން ވަރަށް ގެއްލުން ހުރި އަސަރެއް ކޮށްފާނެއެވެ. އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ތެރެއިން ފަސް މިލިޔަނަށްވުރެ ގިނަ މީހުންނަށް ތަދު ކަނޑުވާ ބޭހެއްގެ ގޮތުގައި (codeine) ދީގެން އެއްވެސް އަސަރެއް ނުކުރެއެވެ.
އެ މީހުންގެ ޖެނެޓިކް ކޯޑުގައި މީގެ ސަބަބުން އުފައްދަންވީ އެންޒީމް އުފެއްދުމުގެ އިރުޝާދު ދިނުމުގެ މަޢުލޫމާތެއް ނުހުރެއެވެ. މިހެންވުމުގެ ސަބަބުން ބޭނުންވާ މޯފީން ޑްރަގް އުފައްދައެއް ނުދެއެވެ. މިބައި މީހުންނަށް ނިސްބަތްކުރާއިރު މިއީ މި ޑްރަގަކީ ކުނިބުންޏެވެ.
ކޮންމެ 500 މީހެއްގެ ތެރެއިން އެކެއްގެ ޖެނެޓިކް ކޯޑު ސަބަބުން (gentamicin) އެމީހަކަށް ދެވިއްޖެނަމަ އޭނާގެ އަޑު އިވުމުގެ ޙިއްސު ގެއްލުމުގެ ބޮޑު ރިސްކެއް އޮވެއެވެ.
އިނގިރާސި ވިލާތުގައި އެންމެ ގިނައިން ވިއްކާ 100 ބޭހުގެ ތެރެއިން 40 ބޭހަށް މިހާރުވެސް ފާމަކޯޖެނޯމިކްސް ޓެސްޓް ހެދުމުގެ ޓެކްނޮލޮޖީ އެބަހުއްޓެވެ.
މިކަންކަމުގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ އަނެއްކަމަކީ ޑޮކްޓަރަށް ދިޔައިމާ ދޭންޖެހޭ ބޭސް ބޭނުންކުރީމާ ހަށިގަނޑަށް ކޮށްފާނެ އަސަރުތައް ދެނެގަންނަން އަނެއްކާ ޓެސްޓް ހަދަންޖެހިއްޖެނަމަ މިކަމުގެ ޚަރަދު ވެސް ހިނގާނެކަމެވެ.
ލޭ ނަގައިގެން ނުވަތަ ކުޅު ޓެސްޓްކޮށްގެން ހަދާ މިފަދަ ޓެސްޓަކަށް -/130 ވަރަކަށް ޑޮލަރު ޚަރަދުވާނެއެވެ. މިއީ މަދުވެގެން ދެހާހެއްހާ ރުފިޔާއެވެ.
ފަރުވާ ހޯދަނީ އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމެއްގައި ޙަޔާތް ވޭތުކުރުމަށެވެ. ވީމާ، މެޑިސިންގެ ދާއިރާގެ ކޮންމެ މިފަދަ ހޯދުމަކީ އިންސާނިންޔަތަށް ލިބޭ ކުރިއެރުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް