މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވައިލައި ގެޒެޓުގައި ޝާއިޢު ކުރައްވައިފިއެވެ.
ރައީސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އީމެއިލް މެދުވެރިކޮށްގެންނާއި، ޕޯޓަލް މެދުވެރިކޮށްގެން ޤައުމީ އިނާމަށް ފޯމު ހުށަހެޅޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުވައިލާފައިވަނީ، މައިގަނޑު 34 ދާއިރާއަކުންނެވެ.
މި ދާއިރާތަކާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކޮށް، އަދި ކަމާބެހޭ އިދާރާތަކުގެ ޚިޔާލު ހޯދައި، އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ވަނީ ގެނަސްފައެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.
އަދި ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.
މީގެ އިތުރުން، އެކަމަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށްގެންވެސް މިއަހަރު އިނާމަށް ނަން ހުށަހެޅޭނެއެވެ.
ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން އެދިފައި ވެއެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.
މި އަހަރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ އެޕްރީލް މަހުގެ 2 ވާ އާދިއްތަ ދުވަހުން ފެށިގެން، މިއަހަރުގެ މޭ މަހުގެ 31 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިންނެވެ.ފޯމު ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމާއި، ފޯމާއެކު ހުށަހަޅާންޖެހޭ އެހެނިހެން މަޢުލޫމާތާއި ތަކެތި ފޮނުވާނީ، ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސްކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ޤައުމީ އިނާމާބެހޭ މަޢުލޫމާތުދީ، ހޭލުންތެރިކަން އިތުރުކުރުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިއުމަށާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދިނުމަށްވެސް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް