މިއަހަރުގެ ރޯދަމަހާ ދިމާކޮށް ގޭދޮށް ޒީނަތްތެރިކުރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ގނޑުދޮށްތަކުން ވެލިނަގަމުން ދާތީ، އެ ރަށެއްގެ ކައުންސިލެއްގެ ބެލުމުގެ ދަށުން ވެލިނެގުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ( އީޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އީޕީއޭ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް، މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ މިއޭޖެންސީއަށް ލިބެމުންދާކަމަށެވެ.
މިފަދައިން ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށް ގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި
މައްސަލަތަކާއި ކުރިމަތި ވަމުންދެއެވެ. ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ޚަރަދު ބޮޑު އެހާމެ އުނދަގޫ ކަމަށް އީޕީއޭއިން ބުނެއެވެ.
އެހެންކަމުން ގަލާއި ވެއްޔާއި އަކިރި ނަގާނަމަ ނަގަން ވާނީ ގާނޫނުގެ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ޤަވާއިދު" އަދި "ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު" ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އެ އެޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުންކަމަށް އީޕީއޭއިން ބުނެއެވެ.
އީޕީއޭއިން ބުނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އާއްމު ރައްޔިތުންގެ ގެދޮރު ޒީނަތްތެރި ކުރުމުގެ ބޭނުމުގައި މަތީގައި
ބަޔާކޮށްފައިވާ ފަދަ ތަން ތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާކަން މި އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް އާއްމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށްޓަކައި ވެލި ނަގަން ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދުތަކާއި ވަކި އުސޫލުތަކެއް އެޖެންސީއިން ކަނޑައަޅާ މިމަޢުލޫމާތު ވާނީ ކައުންސިލްތަކާއި ހިއްސާކުރެވިފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.
އެހެންކަމުން އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި، މިއެޖެންސީގެ ފަރާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން
އެ އުސޫލުތަކުގެ މަތިން، ކައުންސިލްގެ ބެލުމުގެ ދަށުން ވެލި ނެގުމަށް އިލްތިމާސް ކުރާކަމަށް އީޕީއޭއިން ބުނެއެވެ.
އީޕީއޭއިން ބުނީ ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހެދިފައިވާ (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު) ގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް