ޚަބަރު: އަޒްމީދް ނަސީމް، އިދުހާމް ނައީމް
ޕީޕިއެމްގެ ރައިސް މައުމޫން އަބްދުލް ގައްޔޫމްގެ އެފީހުގައި ހުރި ގައުމީ ދިދަ އާއި ނަން ބޯޑު ފުލުހުން ގޮސް ނަގައިފި އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ދުވަހުގެ ނޫސްވެރިން މައުލޫމާތުދޭގޮތުގައި ފުލުހުން އެ އޮފީހުގައި ހުރި ދިދަ ބޭލުމަށް އެ ތަނަށް ވަދެފައިވަނީ ތަޅު ހަލާކުކޮށްލައި ގެންނެވެ. އަދި ނަން ބޯޑު ވަނީ ފުލުހުންގެ ވެހިލަކަށް އަރުވާފައި އެވެ.
އަދި ފުލުހުން ތިބީ އެ އޮފީހުގެ ދޮރުމަތީގައި މަޑުކޮށްގެންނެވެ. މުޅި ސަރަހައްދު ބަންދުކޮށްފައިވާއިރު ނޫސްވެރިންނަށް ޕީޕީއެމް ރައީސްގެ އޮފީހާ ކައިރިވުމުގެ ހުއްދަ ދިނީ ދިދަ އާއި ނަން ބޯޑު ނެގުމަށް ފަހު އެވެ.
ފުލުހުން ދިދަ އާއި ނަން ބޯޑު ނެގުމުން ހިތްހަމަ ނުޖެހުން ފާޅުކޮށް އެ ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ފުލުހުން އެފަދަ ގޮތަކަށް އަމަލު ކުރަންވާނީ ކުރީގެ ރައިސް މައުމޫނަށް އެކަން އެންގުމަށް ފަހު ކަމަށެވެ. ވައްޑެ ވިދާޅުވީ އޮފީހުގެ ވެރި ފަރާތުން ހުއްދަ ނެގުމަކާއި ނުލައި ކުއްލިއަކަށް ތަޅު ހަލާކުކޮށްލައގެން ގޯތި ތެރެއަށް ވަނުމުން އޮފީހުގެ ތެރޭގައި ހުރި ތަކެތީގެ ރައްކާތެރި ކަމެއް ނެތް ކަމަށެވެ.
އަދި ވިދާޅުވީ ފުލުހުން ފޮނުވައިގެން ސަރުކާރުން ހިންގާ މިފަދަ އަމަލު ތަކުގެ ސަބަބުން މައުމޫނުގެ ތާއީދު ކުޑަ ނުވާނެ ކަމަށެވެ. ވައްޑެ ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން މައުމޫނުގެ މަގުބޫލުކަން އިތުރުވެ ތާއީދު ކުރާ މީހުން ގިނަވާނީ ކަމަށެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ނަގާފައިވާ ދިދަ އާއި ނަން ބޯޑު ފުލުހުން ގޮސް ނެގީ ރޭ ސިވިލް ކޯޓުން ކުރި އަމުރަކާއި ގުޅިގެންނެވެ. ފުލުހުން ވަނީ މިއަދު އިރު އޮއްސި 6:00 ގެ ކުރިން ދިދަ އާއި ނަން ބޯޑު ނުނަގައި ގައިފި ނަމަ ފުލުހުން ގޮސް ނަގާނެ ކަން އަންގާފަިއ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް