ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ ތެމާގައި ހިންގަމުން އަންނަ އޮފީހުގެ ނަންބޯޑާއި ދިދަ މިއަދު ހަވީރު ހައެއްގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި އެވެ.
މިގޮތަށް މިކަން ކުރުމަށް އަންގާފައިވަނީ ފުލުހުން ނެރުނު އެންގުމެއްގަ އެވެ.
އެ އެންގުމުގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކޮށްފައި ވަނިކޮށް، އެ ޕާޓީގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުވިޔަ ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއް ކަމަށާއި އެހެންވެ، ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރަން އަންގާ ކަމަށެވެ.
"ހ. ތެމާގޭގައި ނަގާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދިދަ އާއި ނަންބޯޑު 31 މާޗް 2017 ވަނަ ދުވަހުގެ 18:00 ގެ ކުރިން އެތަނުން ނެގުމަށް އަންގަމެވެ. އަދި މި އެންގުމާއި ހިލާފުވެގެން ފުލުހުން އެތަނުން ދިދަ އާއި ނަންބޯޑު ނަގަން ޖެހިއްޖެ ހާލަތެއްގައި ދިދަ އާއި ނަންބޯޑު ނެގުމުގެ ތެރޭގައި ތަނަށް އަދި އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ވެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ،" ފުލުހުންގެ އެންގުމުގައި ވެ އެވެ.
މި އެންގުން ފުލުހުން އަންގާފައިވާއިރު ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ރޭގައި ވަނީ އަމުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް