މިއީ ކުރީ ޒަމާނުގެ ވާހަކައެކެވެ. އެއްސަހަރެއްގައި އުޅުނު ރަސްކަލަކު ކަންތައް ކުރި ގޮތުގެ ވާހަކައާއި ތެދުވެރިކަމުން، އާދައިގެ ފަގީރަކަށް ރަސްކަން ލިބުނު ގޮތުގެ ވާހަކަ އެވެ.
އޭރު ރަސްކަން ދައުރުވަމުން ދިޔައީ އާއިލާގެ ތެރޭގަ އެވެ. ރަސްކަލަކު އަވަހާރަވުމުން ރަސްކަން ލިބެނީ އެންމެ ދޮށީ ފިރިހެން ދަރިއަށެވެ. ފިރިހެން ދަރިއަކު ނެތްނަމަ އެ ރަސްކަލެއްގެ ފިރިހެން ކޮއްކޮ ނުވަތަ ބޭބެއަށެވެ. ނަމަވެސް ރަސްކަލަކު މިގޮތް ބަދަލުކުރާން ނިންމައި އެކަމަށް މޮޅު ޕްލޭނެއް ރޭވި އެވެ.
އެއް ދުވަހަކު ރަށުގެ ޒުވާނުން ގަނޑުވަރަށް ގެންނަވައި، ތިޔަ ޒުވާނުންގެ ތެރެއިން ޒުވާނަކު ރަސްކަމަށް ގެންނަން ނިންމައިފިކަން ރަސްކަލުން އިއުލާނު ކުރެއްވި އެވެ. އެންމެން ތިބީ ކެތް މަދުވެފަ އެވެ. ރަސްގެފާނު ވިދާޅުވި އެވެ. ކޮންމެ ޒުވާނަކަށް ގަހެއްގެ އޮށެއް ތިމަންނާ ދޭނަމަވެ. އެ އޮށް ހިފައިގެން ގެއަށް ދާށެވެ. އަދި އެ އޮށް އިންދުމަށްފަހު އެއް އަހަރު ވަންދެން ފެންދީ ބަލަހައްޓާށެވެ. އޮށުން ފޯދޭ ގަސް ހިފައިގެން އެއް އަހަރު ފަހުން ގަނޑުވަރަށް އަންނާށެވެ.
ހުރިހާ ޒުވާނުންވެސް އެ އޮށް ހިފައިގެން ގެއަށް ގޮސްފި އެވެ. އެ ޒުވާނުންގެ ތެރޭގައި ބަދުރުއްދީން ނަމަކަށް ކިޔާ ޒުވާނަކުވެސް ހިމެނެ އެވެ. އެހެން ޒުވާނުންނެކޭ އެއްފަދައިން ބަދުރުއްދީންވެސް ހުރީ ރަސްކަން ބޭނުންވެފަ އެވެ. ބޭނުން ނުވާނީ ކާކު ހެއްޔެވެ. ޝާނާ ޝައުކަތާއި އެކު ގައުމެއްގެ ރަސްކަން ނޭދޭނީ ފަހެ ކާކު ހެއްޔެވެ.
ބަދުރުއްދީން މަންމަގެ އެހީގައި އޮށް އިންދާނެ ޓުކުރިއެއް ހޯދައި އެ ޓުކުރީގައި އޮށް އިންދައި ފެންދޭން ފަށައިފި އެވެ. ހަފްތާއެއް ވީ އިރުވެސް ގަހުގެ ކުރި ފެންނަ ވަރެއް ނުވެ އެވެ. ނަމަވެސް އެހެން ޒުވާނުން ދައްކަމުންދަނީ އެ ޒުވާނުން އިންދި އޮށް ގަހަކަށް ބަދަލުވެއްޖެ ކަމުގެ ވާހަކަ އެވެ.
ހަފްތާ މަހަށް ބަދަލުވެ ހަތަރު ފަސް މަސް ވީ އިރުވެސް ބަދުރުއްދީން އިންދި އޮށުން ގަހެއް ނުފަޅަ އެވެ. އެހެން ޒުވާނުން ދައްކަމުން ދިޔައީ އެ ޒުވާނުން އިންދި އޮށުން ފެޅި ގަހުގެ ރީތިކަމުގެ ވާހަކަ އެވެ. މާމަލުން ދުވާ މީރު ވަސްވަހުގެ ވާހަކަ އެވެ.
ރަސްގެފާނު ވިދާޅުވި ތާރީހު އައިސް ގާތްވަނީއެވެ. 11 މަހާއި ތިން ހަފްތާ ވީ އިރުވެސް ބަދުރުއްދީން އިންދި އޮށުން ގަހުގެ ކުރިއެއް ދިށްކޮށް ނުލަ އެވެ. އޭނާގެ މަންމަ ގާތު ބުންޏެވެ. މަންމާއެވެ. ޓުކުރި ހިފައިގެން ގަނޑުވަރަށް ދާން ކެރޭނީ ކިހިނަކުން ހެއްޔެވެ. އެހެނަސް ޖަވާބުގައި މަންމަ ބުންޏެވެ. ނުގޮސްފިނަމަވެސް ރަސްގެފާނު ކޮޔާއިމެދު ފިޔަވަޅެއް އަޅާފާނެތީ ބިރު ގަނެ އެވެ. ވާނީ ދާށެވެ.
ޒުވާނުން އިންތިޒާރު ކުރަމުން އައި ދުވަސް އައިސް މިއޮށް ޖެހުނީ އެވެ. ހުރިހާ ޒުވާނުންވެސް އެ ޒުވާނަކު ހެއްދި ގަސް ހިފައިގެން ގަނޑުވަރަށް ދިޔަ އެވެ. ބަދުރުއްދީންވެސް ދިޔަ އެވެ. ނަމަވެސް ފަސްކޮޅެއް އަޅާފައިވާ ޓުކުރިއައިގެންނެވެ. އެހެން ޒުވާނުން ހައްދާފައިވާ ގަސްތައް ފެނި ބަދުރުއްދީން ހުރީ ލަދުވެތިވެފަ އެވެ. ޒުވާނުންތައް ބަދުރުއްދީނަށް މަލާމަތް ކުރަމުން ދިޔަ އެވެ.
ރަސްގެފާނުގެ އައުވާނަކު އައިސް އެ ޒުވާނުން ތަރުތީބަކުން އެތުރެން އަންގައިފި އެވެ. ބަދުރުއްދީން ބެލީ ސަފުގެ އެއްމެ ފަހަތަށް ދެވޭތޯ އެވެ.
ރަސްގެފާނު ވަޑައިގެންފި އެވެ. އަދި ކޮޅާ ކޮޅު ހޯދާ ބަލާލައިފި އެވެ. ޒުވާނުންތައް ތިބީ ރީތި ގަސްތަށް އަތްމަތީ އަތުރާލައިގެންނެވެ. ބަދުރުއްދީން ފިޔަވަ އެވެ. ރަސްގެފާނަށް ބަދުރުއްދީން ފެނުމާއެކު އެ ޒުވާނާ ގެނައުމަށް އައުވާނުންނަށް އަމުރު ކުރެއްވި އެވެ. ރަސްގެފާނުގެ އަރިހަށް ގޮސް އަދަބުވެރިކަމާއެކު ބަދުރުއްދީން ބުންޏެވެ.
ސާހިބާ އެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ދަނީ މި އޮށަށް ފެން ދީފަ އެވެ. އަސުރު ނަމާދުން އައިސް ފެން ދެމެވެ. އެގޮތުގައި އެއް އަހަރު ހޭދަ ކޮށްފީމެވެ. އެހެނަސް މި އޮށުން ގަހެއް ނުފެޅި އެވެ.
ރަސްގެފާނު ހިނިފުޅު ވަޑުވާފައި ހުކުމް އިއްވި އެވެ. އެއްވެ ތިބި އެންމެންނޭވެ. ގައުމުގެ ރަސްގެފާނަކީ މިއަދުން ފެށިގެން މިހިރަ ބަދުރުއްދީނެވެ.
އެންމެންތިބީ ވާނުވާ ނޭނގި އާސޯހހުވެފަ އެވެ. އެކަކު އަނެކަކު މޫނަށް ބަލަމުން ދިޔަ އެވެ. ހުދު ބަދުރުއްދީންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އަދި އޭނާއަށް ރަސްކަން ލިބުނު ސަބަބު އެނގެން ބޭނުންވެފަ އެވެ.
ރަސްގެފާނުގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. މީގެ އެއް އަހަރު ކުރީން ތިޔައިގެ ތެރެއިން ކޮންމެ ޒުވާނަކަށް ގަނޑުވަރުން އޮށެއް ދިނީމެވެ. އެނގޭހެއްޔެވެ. އެއީ ހަތްފެނުގައި ކައްކާފައިވާ އޮށެކެވެ. އެ އޮށުން ގަހެއް ފަޅާނޭ ހަމަ އެއް ގޮތެއް ނޯންނާނެވެ. ރަސްކަމުގެ ދަހިވެތި ކަމުގައި ކޮންމެ ޒުވާނަކުވެސް ތިޔަ އައީ އެ އޮށުން ގަހެއް ނުފެޅުމުން އެ އޮށް އެއްލާލައި އިތުރު އޮށެއް އިންދާ ގަސް ހައްދައިގެންނެވެ. މިހިރަ ބަދުރުއްދީން ފިޔަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް