މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައްޔާރު ކުރި ފާހަގަ ކޮށްލެވޭ ޑިޒައިންތަކުގެ ތެރެއިން އެންމެ މޮޅު ޑިޒައިނަކަށް ރެފިއުޖީ ޓެންޓެއް ހޮވިއްޖެ އެވެ.
ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އައިކިއާ ފައުންޑޭޝަން އާއި ޔޫއެންގެ ރެފިއުޖީ އެޖެންސީ ގުޅިގެން ޑިޒައިންކޮށް ތައްޔާރުކޮށްފައިވާ އެޓެންޓު އެއްވަނަ އަށް ދިޔައީ ގިނަ ހިދުމަތްތަކެއް އެއްތަނެއްގެ ތެރެއިން ލިބޭތީ އެވެ. އަދި ގިނަ ބަޔަކަށް އެއްފަހަރާ ބޭނުން ކުރެވޭ ގޮތަށް ޓެންޓު ތައްޔާރު ކޮށްފައިވުމުންނެވެ.
އޭގެން ޓެންޓެއްގެ ތެރޭގައި އުނދަގުލަކާއި ނުލައި ފަސް މީހުންނަށް ދިރިއުޅެވެ އެވެ. އަވިން ހަކަތަ އުފައްދައިގެން ކަރަންޓު ބޭނުން ކުރަމުން އިލެކްޓްރޯނިކް ސާމާނު ޗާޖު ކުރެވުމާއި ކްލިނިކް ނުވަތަ އޮފީހެއްގެ ގޮތުގައި ބޭނުން ކުރެވެ އެވެ.
އެ ދެ ޖަމިއްޔާ ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އޭގެ 16،000 ޓެންޓު ތައްޔާރުކޮށްފައިވެ އެވެ. އެ ޓެންޓުތައް ތައްޔާރު ކުރުމަށް ބޭނުން ކޮށްފައިވަނީ އުކާލެވޭ ޕްލާސްޓިކް ފަދަ އެއްޗިއްސެވެ.
އެ ޓެންޓުތައް ދަނީ އިރާގު އަދި ގްރީސް ފަދަ ގައުމުތަކުގައި ދިރިއުޅޭ ރެފިއުޖީން ބޭނުން ކުރަމުންނެވެ.
މި އެވޯޑު އެ ދެ ޖަމިއްޔާއިން ހޯދާފައިވަނީ މަޝްހޫރު އެޑިޑާސް އިން ރާއްޖޭގައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުންކޮށްގެން ތައްޔާރު ކުރި ބޫޓު ފަދަ ޑިޒައިންތަކާއި ވާދަ ކޮށްގެންނެވެ. މި އެވޯޑަށް ފާހަގަކޮށްލެވޭ އެހެން ޑިޒައިންތަކެއްވެސް ނޮމިނޭޓުވި އިރު ހުރިހާ ޑިޒައިންތަކެއް ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިޔަށް ގެންދިޔަ ދަ ޑިޒައިން މިއުޒިއަމް ގައި ދައްލާކާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް