މަސްތުވާތަކެތިގެ ވިޔަފާރި ކުރާ ދިވެހިންތަކެއް ލަންކާއިން އަތުލައިގެންފި

އޭޝިއާގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ހަތަރު ދިވެއްސަކު ސްރީލަންކާ އިން ހައްޔަރުކޮށްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޑްރަގް އެންފޯސ...

31 Mar 2015 | 12:09

އޭޝިއާގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ހަތަރު ދިވެއްސަކު ސްރީލަންކާ އިން ހައްޔަރުކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ ޕޮލިސް ނާކޮޓިސް ބިއުރޯއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލާގައި ފުރަތަމަ ހައްޔަރު ކުރީ 25 އަހަރުގެ މީހެއް ކަމަށާއި އޭނާއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އޭގެފަހުން ހައްޔަރުކުރި ކަމަށެވެ. އަދި އޭގެފަހުން އަންހެނަކު ހައްޔަރު ކުރި ނަމަވެސް އޭނާގެ އަތުން ފެނުނީ 100 ގްރާމް ކެނަބިސް ކަމަށްވާތީ ލަންކާ ގާނޫނު ބުނާގޮތުން މަނާ ކަމަކަށް ނުވާތީ ދޫކޮށްލީ ކަމަށެވެ.

ޝިފާން ވިދާޅުވީ ހައްޔަރު ކުރި ތިން ފިރިހެނުންގެ އަތުން 165 ގްރާމްގެ ހެރޮއިން އާއި 125،000 ލަންކާ ރުޕީސް އާއި 10،000 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށެވެ. އެމީހުންނަކީ ޕާކިސްތާނާއި ތައިލެންޑާއި ހޮންކޮންގް އަދި އިންޑިއާ ގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަމަށް މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާ ކަމަށެ ވިދާޅުވި އެވެ.

އެ މައްސަލާގައި ހިމެނޭ 25 އަހަރުގެ މީހާ 2012 ވަނަ އަހަރުގެ ފަހުން ތަފާތު ނަންނަމުގައި އެކި އެކި ޕާސްޕޯޓު ބޭނުންކޮށްގެން އެ ގައުމުތަކަށް ދަތުރުކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހުން މަސްތުވާތަކެތީގެ ނެޓުވޯކު ހިންގަނީ ލަންކާގެ ބަޔަކާ ގުޅިގެން ކަމަށާއި އެ މައްސަލާގައި ލަންކާގެ ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް