އަޅުގަނޑު މިހުރީ ޕާޓީގެ ނިންމުމަށް ތާއީދުކޮށްގެން: ޝައިހް އިލްޔާސް

އަދާލަތު ޕާޓީއާ މެދުު ކޮންމެ ކަހަލަ ވާހަކަތަކެއް ދެއްކި ނަމަވެސް އޭނާ ހުންނެވީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފަހަތްޕުޅުގައި ޕާޓީގެ ނިންމުންތަކަށް ތާއީދު ކުރައްވައިގެން ކަމަށް އެ ޕާޓީގެ އިލްމުވެރ...

31 Mar 2015 | 09:58

އަދާލަތު ޕާޓީއާ މެދުު ކޮންމެ ކަހަލަ ވާހަކަތަކެއް ދެއްކި ނަމަވެސް އޭނާ ހުންނެވީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފަހަތްޕުޅުގައި ޕާޓީގެ ނިންމުންތަކަށް ތާއީދު ކުރައްވައިގެން ކަމަށް އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާތަކަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައި އިލްޔާސް ވިދާޅުވީ އޭނާ ހުންނެވި ޕާޓީގެ ރައީސްގެ އިތުރުން ލީޑާޝިޕާއި މަޝްވަރާ މަޖިލީހުގެ ނިންމުމުގެ މަތީގައި ކަން ހުރިހާ މެމްބަރުންނަށް ހަނދާން ކޮށްދޭ ކަމަށެވެ. އަދި ވާދަވެރި ފަރާތްތަކުން ދައްކާ ފިތުނައިގެ ވާހަކަތަކުން ސަލާމަތްވުމަށް ޝައިހް އިލްޔާސް އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ ވާދަވެރި ފަރާތްތަކުން ދައްކާ ފިތުނަވެރި ވާހަކަތަކުން ސަލާމަތްވެ ތިބެގެން ޕާޓީގެ ރައީސް އިމްރާނާއެކު ހުރިހާ މެމްބަރުން ވެސް ކުރި އަށް ވަޑައިގެންނެވުން،" އޯޑިއޯ މެސެޖުގައި އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން މި މަހުގެ ހަތް ވަނަ ދުވަހު އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި މަޝްވަރާކޮށް، އޭގެ ތެރެއިން ބައެއް ކަންތައްތައް މަޝްވަރާ މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އިލްމުވެރިންގެ މަޖިލީހަށް ރައްޔިތުން ކުރާ އިހްތިރާމާއި ގަދަރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހަކީ އެ ޕާޓީގެ އެންމެ ވަރުގަަދަ އަދި އެެންމެ މުސްތަގިއްލު ރުކުނެވެ. އަދި އެހެން އެއްވެސް ފަރާތެއްގެ ނުފޫޒު އެ މަޖިލީހަށް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީޕީއެމްއާއި ބައެއް އަދާލަތު ޕާޓީގެ މެންބަރުން ވަނީ ޝެއިހް އިމްރާން މަސައްކަތް ކުރައްވަނީ އަދާލަތުގެ ނިންމުމާއި ހިލާފަށް ކަމަށް ބުނެފަ އެވެ. އަދި ޕީޕީއެމް އިން ވަނީ އަދާލަތުގ މަޝްވަރާ މަޖިލީހަށް އިމްރާނާއި ދެކޮޅަށް ފިޔަވަޅު އަޅުމަށް ގޮވާލާފައެވެ.

ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވަމުން ދާ ކަމަށް ބުނެ އަދާލަތު ޕާޓީން ވަނީ ސަރުކާރާ ވަކިވެ އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަން ފަށައިފަ އެވެ. އަދި މިހާރު މާލޭގައި ކޮންމެ ރެއަކު މާލޭގެ މަގުތަކުގައި ބާއްވާ މުޒާހަރާތަކުގައި އެ ޕާޓީގެ އިސް ވެރިން ބައިވެރިވެ ސަރުކާރަށް ފާޑު ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް