ސިޔާސީ ކަންކަމުގައި ސިވިލް ސާވަންޓުންގެ ބައިވެރިވުން ކުޑަކުރާ ބިލް ތަސްދީގު ކުރައްވައިފި

ވަކި ވަގުތުތަކެއްގައި ނޫނީ ސިވިލް ސާވަންޓުންނަށް ސިޔާސީ ކަންކަމުގައި ނޫޅޭވޭނެ ކަމަށް ކަނޑައަޅައި ސިވިލް ސާވިސް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތ...

31 Mar 2015 | 09:17

ވަކި ވަގުތުތަކެއްގައި ނޫނީ ސިވިލް ސާވަންޓުންނަށް ސިޔާސީ ކަންކަމުގައި ނޫޅޭވޭނެ ކަމަށް ކަނޑައަޅައި ސިވިލް ސާވިސް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސިވިލް ސާވިސް ގާނޫނަށް ގެނައި އެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ. ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު  އެވެ.

އެ ގާނޫނުގައި ވާގޮތުން މަސައްކަތުގެ ރަސްމީ ގަޑީގައި ވެސް އަދި ރަސްމީ ގަޑިން ބޭރުގައި ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭނެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ސިވިލް ސާވިސްގެ މެމްބަރުންނަށް ތިބެވޭނެ ކަމަށާއި ސިޔާސީ ހަރަކާތްތަކުގައި ވެސް ސިވިލް ސާވިސްގެ ރަސްމީ މަސައްކަތު ގަޑީގެ ބޭރުން ބައިވެރިވެވޭނެކަމަށް ގާނޫނުގައި ވެ އެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ސިވިލް ސާވިސްގައި އެ މުވައްޒަފަކު ހުރިހާ ހިނދަކު، ސިޔާސީ ޕާޓީއެއްގެ މަގާމުތަކުގެ ތެރެއިން ގާނޫނަކުން ނުވަތަ ސިވިލް ސާވިސްގެ ގަވައިދަކުން ހުއްދަ ނުކުރާ މަގާމެއް ފުރައިގެން ނުވާނެ އެވެ.

ގާނޫނުގެ 53 ވަނަ މާއްދާގައި ވަނީ ދިވެހި ސިވިލް ސާވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށެވެ. ނަމަވެސް އެއީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާއާ ފުށުއަރާ މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ އެ މާއްދާއަކަށް އަމަލެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް