ކުރީގެ ރައީސް ނަޝީދު ރައްޔިތުންގެ ކިބައިން އެދެނީ ހިތްވަރު ގަދަކުރުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދޫނިދޫގައި ފުލުހުންގެ ބަންދުގައި ހުންނެވި އިރު ކުޑަ ވަގުތުކޮޅަކަށް ރައީސް ނަޝީދާއި ބައްދަލުވި ކަމަށެވެ. އަދި އެ ވަގުތު ވިދާޅުވީ ހިތްވަރު ގަދަކުރެއްވުމަށާއި، އެންމެންނަށް ޝުކުރު ދެންނެވުމަށް ކަމަށެވެ.
https://twitter.com/AhmedMahloof/status/582819114168684544
ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވިކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ފަހުންވެސް ނަޝީދު ހުންނަވަނީ ދޫނިދޫ ބަންދުގައި އެވެ. ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ ނަޝީ ދު މާފުށީ ޖަލަށް ބަދަލު ކުރާނީ އެ ތަނުގައި ވަކި ހާއްސަ ތަނެއް ހެދުމަށް ފަހު ކަމަށެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ މަހުލޫފު ފުލުހުން ހައްޔަރުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާގައި އެރޭ ފުލުހުންގެ ބެރިކޭޑެއް ފަޅާލައި ވަންނަން އުޅުމުންނެވެ. މަހުލޫފު އިއްޔެ އާއި ހަމައަށް ހުރީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި އެވެ.
އިއްޔެ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ މަހުލޫފު ގޭ ބަންދަށް ބަދަލުކޮށްފައި އެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ ގޭ ބަންދަށް ބަދަލު ކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަށް މަހުލޫފު އެއްބަސް ނުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް